ދުނިޔޭގެ ވިޔަފާރި

ޓޮޔޯޓާ އަދި ހޮންޑާގެ އުފެއްދުންތައް މެލޭޝިއާގައި ހުއްޓާލަނީ


ކޯވިޑްގެ ބަލިމަޑުކަމާއިހެދި މުޅި ޤައުމު ފުރަބަންދުކުރުމާއި ގުޅިގެން ޖަޕާނުގެ ކާރު އުފައްދާ ދެ ކުންފުނިކަމަށްވާ ޓޮޔޯޓާ އަދި ހޮންޑާއިން އެމީހުންގެ އުފެއްދުންތައް މެލޭޝިއާގައި އުފެއްދުން ވަގުތީގޮތުން ހުއްޓާލައިފިއެވެ. ކޮރޯނާވައިރަހުގެ ނުރައްކާތެރި ރާޅެއް އަނެއްކާވެސް މެލޭޝިއާ ކުރިމަތިލާންޖެހުމުގެ ސަބަބުން މިމަހުގެ 1 ން 14 އަށް މުޅި މެލޭޝިއާ ފުރަބަންދު ކޮށްފައިވާކަމަށް އެޤައުގެ ބޮޑުވަޒީރު މުހިޔުއްދީން ޔާސިން ހުކުރު ދުވަހު ވަނީ ޢިޢުލާނު ކުރައްވާފައެވެ.

މިދިޔަ އަހަރު 51000 ވެހިކަލް މެލޭޝިއާގައި އުފައްދާފައިވާ ޓޮޔޯޓާއިން ވަނީ ކުންފުނީގެ ވިޔަފާރިތަކާއި އުފެއްދުންތައް އަންގާރަ ދުވަހުން ފެށިގެން ހުއްޓާލުމަށް ނިންމާފައެވެ. އަދި އަލުން އުފެއްދުންތައް އުފައްދަން ފަށާނެ ދުވަހެއް ކުންފުނިން ހާމަކޮށްފައެއްނުވެއެވެ.

މީގެއިތުރުން ޓޮޔޯޓާގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ކޮމްޕެކްޓް ކާރު އުފައްދާ ދައިހަޓްސޫ މޮޓޯއިންވެސް އެ ކުންފުނީގެ އުފެއްދުންތައް އުފެއްދުން މިހަހުގެ 14ގެ ނިޔަލަށް ހުއްޓާލާނެކަމަށް ވަނީ ބުނެފައެވެ. މި ކުންފުނިން މިދިޔަ އަހަރު ދެކުނު އިރުމަތީ އޭޝިއާގައި 220000 ވެހިކަލް ވަނީ އުފައްދާފައެވެ.

އަހަރަކު 100000 ކާރު އަދި 300000 މޮޓޯސައިކަލް އުފައްދާ ހޮންޑާގެ ދެ ކުންފުނީގެ އުފެއްދުންތައްވެސް ވަގުތީގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށް ހޮންޑާއިންވެސް ވަނީ ބުނެއެވެ. އަދި މިމަހުގެ 15 ން ފެށިގެން ކާރުޚާނާތައް އަލުން ހުޅުވާލަން އުންމީދުކުރާކަމަވެސް އެ ކުންފުނިން ބުނެއެވެ.

މެލޭޝިއާގައި މިހާރު ފެތުރެމުންދާ ވައިރަސްގެ ސަބަބުން ވޭތުވެދިޔަ ހަފްތާތަކުގައި އެޤައުމުގައި މަރުވާމީހުންގެ އަދަދުވަނީ ވަރަށްބޮޑުތަން އިތުރުވެފައެވެ. ވެކްސިން ޖަހާ އަދަދަދު މަދުވުމުގެ ސަބަބުން ވައިރަސް އިތުރަށް ފެތުރެންވަނީ ފަށާފައެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 1 ވަނަ ދުވަހާއި ހަމައަށް މެލޭޝިއާއިން ކޯވިޑްގެ 9020 ކޭސް ވަނީ ފެނިފައެވެ.