ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލައިގެ ތަހްޤީޤަށް ފުލުހުން ހޯދަމުންދާ މާފަންނު ލޭންޑް އޮފް ގާރޑަން، އަޙްމަދު އިޝްފާހް ޢަލީއާއި، ހެންވޭރު އައިދާ، މުޙައްމަދު އަސީލް އަޙުމަދު ހޯދުމަށް އިންޓަރޕޯލުން ރެޑް ނޯޓިސް ނެރެފިއެވެ.މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދާ އިޝްފާހު ޢަލީ ހޯދުމަށް އިންޓަރޕޯލުން ނެރެފައިވާ ރެޑް ނޯޓިސްގައި ބުނެފައިވަނީ އޭނާ ހޯދަމުންދަނީ ބިރުދައްކައި އިންޒާރު ދިނުމާއި، ދައުލަތާއި މީހުންގެ މުދަލަށް ގެއްލުންދިނުމާއި، ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތީގެ ވަގު ވިޔަފާރިކުރުގެ އިތުރުން ޓެރަރިޒަމްގެ ތުހުމަތުގައިކަމަށެވެ.އަދި މުޙައްމަދު އަސީލް އަޙްމަދު ހޯދުމަށް އިންޓަރޕޯލުން ރެޑް ނޯޓިސް ނެރެފައިވަނީ ކޮރަޕްޝަންގެ ތުހުމަތުގައެވެ.މިމައްސަލައާ ގުޅިގެން އިންޓަރޕޯލުން ކުރިންވަނީ ގ. ސެސްނާ މުޙައްމަދު އައްލާމް އަބްދުއްލަތީފް ހޯދުމަށްވެސް ރެޑް ނޯޓިސް ނެރެފައެވެ. އައްލާމް އަބްދުއްލަތީފް ހޯދަމުންދަނީ ބިރުދައްކާއި އިންޒާރު ދިނުމާއި، މީހުނާއި ދައުލަތުގެ މުދަލަށް ގެއްލުންދިނުމާއި، ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތީގެ ވަގު ވިޔަފާރިކުރުގެ އިތުރުން ޓެރަރިޒަމްއާއި ކޮރަޕްޝަންގެ ތުހުމަތުގައެވެ.ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ފުލުހުން ކުރިއަށްގެންދާ ތަހްޤީގުގައި ބ. ހިނބަޅިދޫ ފަޅުތެރެއިން ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ސަލާމާތީ ބާރުތަކުން ހޯދާފައިވެއެވެ. މީގެ އިތުރުން މާލޭގެ ބައެއް ގޭގެ ބަލައި ފާސްކުރުމުގެ ތެރޭގައި ނުރައްކާތެރި ހަތިޔާރު ފެނިފައިވާއިރު، ގޮވާތަކެތި ހެދުމަށް ބޭނުންވާ ސާމާނުވެސް ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލަތަކާއި ގުޅިގެން 8 މީހަކު ހޯދުމަށް ފުލުހުން ވަނީ އިޢުލާންކޮށްފައެވެ. މީގެތެރެއިން މިހާތަނަށް ފުލުހުންވަނީ ޅ. ހިންނަވަރު ނައިލޯނުގެ އަޙުމަދު އަޝްރަފް ލަންކާގައި ހުއްޓައި ހައްޔަރުކޮށްފައެވެ. މިމައްސަލައާ ގުޅިގެން މިހާރު ހޯދަމުން އަންނަ 7 މީހުންނަކީ، މ.ސެސްނާ، މުޙައްމަދު އައްލާމް ޢަބްދުލްލަޠީފާއި، ގަލޮޅު އޮއިވާލި، މުޙައްމަދު ޙުސައިނާއި، ހއ.މުރައިދޫ، ވައިޖެހޭގޭ މުޙައްމަދު ވިޝާމާއި، ހެންވޭރު އައިދާ، މުހައްމަދު އަސީލް އަޙުމަދާއި، މާފަންނު ލޭންޑް އޮފް ގާރޑަން، އަހްމަދު އިޝްފާހް އަލީއާއި، ހެންވޭރު ރަންވިލާގޭ ޙުސައިން ޝިނާނާއި، ކ.ދިއްފުށީ ރަތްބަގީޗާގޭ، އަޙުމަދު ފާތިހުއެވެ.މީގެ ތެރެއިން 3 މީހުން ހޯދުމަށް މިހާތަނަށް އިންޓަރޕޯލުން ރެޑް ނޯޓިސް ނެރެފައިވާއިރު، އިތުރަށް ހޯދަމުންދާ މީހުން ފުލުހުންނާ ހަވާލުނުވެއްޖެނަމަ އިންޓަރޕޯލް ރެޑް ނޯޓިސް މެދުވެރިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުން ގެންނާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރ ވަނީ ދެއްވާފައެވެ.