ޚަބަރު

މެލޭޝިޔާގެ ބޮޑު ޚިޔާނާތާ ގުޅުންހުރި 80 މިލިޔަން ޑޮލަރު އަނބުރައި ދައްކައިފި


މެލޭޝިޔާގެ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޑެލޮއިޓު އޮޑިޓު ކުންފުނިން 80 މިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވާކަމަށް މެލޭޝިޔާގެ ސަރުކާރުން ބުނެފިއެވެ.

2009ވަނަ އަހަރާއި 2014ވަނަ އަހަރާދެމެދު ވަންއެމުޑީބީ ކުންފުނި މެދުވެރިކޮށް ދަޢުލަތުގެ 4.5 ބިލިޔަނެއްހާ އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާކަމަށް މެލޭޝިޔާއިން ބުނެއެވެ. އެ މައްސަލައިގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ދުނިޔޭގެ އެކި ސަރަޙާއްދުތަކުގެ ބެންކުތަކާއި މާލީ އިދާރާތަކުގެ ބައިވެރިވުން އޮތްކަމަށް ތަޙްޤީޤުތަކުން ދައްކައެވެ.

މެލޭޝިޔާއިން ބުނީ ޚިޔާނާތުގައި ގެއްލުނު ފައިސާގެ ތެރެއިން ޑެލޮއިޓު އޮޑިޓު ކުންފުނިން ހޯދައި ހިފަހައްޓާފައިވާ 80 މިލިޔަން އެމެރިކާ ޑޮލަރު އެ ކުންފުނިން މެލޭޝިޔާގެ ސަރުކާރަށް ދައްކާފައިވާކަމަށެވެ. އަދި އެ ފައިސާ މެލޭޝިޔާގެ އެސެޓްސް ރިކަވަރީ ޓުރަސްޓު އެކައުންޓަށް ޖަމާކޮށްފައިވާކަމަށް އެ ޤައުމުން ބުނެއެވެ.

މެލޭޝިޔާގެ މާލީ ވުޒާރާއިން ބުނީ އޮޑިޓު ކުންފުންޏެއްކަމަށްވާ ކޭޕީއެމްޖީއާއެކުވެސް ބަދަލުދިނުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް މަޝްވަރާކުރަމުންދާކަމަށެވެ. އެ ވުޒާރާއިން ބުނީ ޚިޔާނާތުގެ މައްސަލައިގައި ގެއްލުނު ފައިސާގެ ތެރެއިން މިހާތަނަށް 3.98 ބިލިޔަން ޑޮލަރު ސަރުކާރަށް އަނބުރާ ހޯދިފައިވާކަމަށެވެ.