ޚަބަރު

މަރުގެ ތުންފަތް މަތީގައި ހިތަށް ވަދެ ކިޔުނީ ޝަހާދަތުގެ ދެކަލިމަ - ނަޝީދު


އަވަހާރަކޮށްލުމަށް ދިން ހަމަލާގައި، މަރުގެ ތުންފަތްމަތީގައި ހިތަށް ވަދެ ދުލުން ކިޔަވަމުން ގެންދެވުނީ ޝަހާދަތުގެ ދެކަލިމަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ލާދީނީ ގޮވުން: އަނގަހުތުރުވުން" މިނަމުގައި ލިޔުއްވި ލިޔުވުމެއްގައެވެ.

މީ މިދިޔަ މަހުގެ 6 ވަނަދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއަށްފަހު އެ ހަމަލާދިން ވަގުތުކޮޅުގެ ވާހަކަ އެމަނިކުފާނު ފުރަތަމަ ހިއްސާކުރެއްވި ފަހަރެވެ. ރައީސް ނަޝީދު ލިޔުއްވާ އެމަނިކުފާނުގެ ޓްވީޓަރގައި ހިއްސާކުރައްވާފައިވާ ލިޔުއްވުމުގައި ވިދާޅުވީ އެ ހާދިސާއަކީ އަނެއްކާވެސް އެމަނިކުފާނު މަރުގެ ތުންފަތް މައްޗައް ދިޔަ ހާދިސާއެއްކަމަށެވެ.

ހަމަލާގެ ވަގުތުގައި އެމަނިކުފާނުގެ އިޙްސާސްތައް ހިއްސާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެހިނދު ހިތައްވަދެ އަދި ދުލުން ކިޔަމުން ގެންދެވުނު ބަސްތަކަކީ ޝަހާދަތުގެ ދެކަލިމައިގެ ބަސްތައްކަމަށާއި، މާތް ﷲ ވޮޑިގެން ވާކަމާއި، އެކަލާނގެ މީސްތަކުންނަށް ހެޔޮމަގު ދެއްކެވުމަށް މުހަންމަދުގެފާނު މިދުނިޔެއަށް ފޮނުއްވި ކަން ވަރަށް ފުރިހަމައަށް ޤަބޫލް ކުރެވޭކަމުގެ ތަސައްވަރާއި އަދި ބަސްތައްކަމަށެވެ. ހަމަލާއިން ސަލާމަތްވުން އެއީ އެމަނިކުފާނުގެ ނަސީބުންކަން ސިފަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެފަދަ ސާފު ސާދާ ގޮތުގައި އީމާންތެރިކަން އިހުނަށްވުރެ ވަރުގަދަވުމަށް މާތް ﷲ އަނެއްކާވެސް މެދުވެރި ކުރެއްވުމަކީ ލިބިޑައިގެންނެވި ނަސީބެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

"ލާދީނީ ގޮވުން: އަނގަހުތުރުވުން" މިނަމުގައި ލިޔުއްވި ލިޔުއްވުމުގައި ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްޤު އެހެން މީހުނަށް އޮންނާން ޖެހޭނެ ކަމަށް އެތައްބަޔަކު ދެކޭކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، މި މައްސަލާގައި އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތް އެހާ މުހިންމު ނޫންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ކަނޑައެޅިގެން އިސްލާމެއްކަމަށް ދެކެވަޑައިގެން ހުންނެވިކަމަށާއި، ލާދީނީ މީހެއް ކަމަށް ބުނުމަށް އެދިވަޑައި ނުގަންނަވާކަމަށެވެ.

ރައީސް ނަޝީދު ވީދާޅުވީ އެއްވެސް ރައްޔިތެއް ޤާނޫނާއި ޚިލާފްވާނަމަ، އެރައްޔިތެއްގެ ވާޖިބަކީ، އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުންކަމަށެވެ. ރާއްޖޭގެ ޤާނޫނީ ހުކޫމަތު ބިނާވެފައިވަނީ އިސްލާމު ދީނުގެ އުސޫލުތަކާއި ހަމަތަކުގެ މތީގައިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވީދާޅުވީ އެއްވެސް މީހަކު ލާދީނީ ވެއްޖެނަމަ އެމީހެއްގެ މައްޗަށް ދިވެހި ޤާނޫނުތައް ހިންގޭނެކަމަށާއި އެކަން އަބަދުވެސް ކުރަމުން އަންނަކަމަށެވެ.

"އެއްވެސް ދިވެހި ރައްޔަތެއްގެ އެނގުމާއި ފެނުމުގެ ތެރެއިން، އެހެން އެއްވެސް މީހެއް ޤާނޫނާއި ޚިލާފްވާނަމަ، އެރައްޔިތެއްގެ ވާޖިބަކީ، އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުމެވެ. އިސްލާމް ދީނާއި ދައުލަތުގެ ދިފާއުގައި ހަރަކާތް ތެރިވާނީ ވަކި ފަރުދެއްނޫނެވެ. މި ދައުލަތުގެ އިދާރާ ތަކާއި ވުޒާރާތަކެވެ. ތިމަންނާއީ ދައުލަތް ކަމަށް ދެކުމުގެ ޖާގައެއް ނެތެވެ. އޮޅުމެއްނެތް ނެތްގޮތުގައި، "ލާދީނީ" ކަމަށް އެހެން މީހަކާ ދިމާއަށް ބުނުމަކީ އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ބުނާ ބުނުމެކެވެ. އަނެކާ އަކީ ގޯސް މީހެއްގެ ގޮތުގައި ދެއްކުމަށް ބުނާ ބުނުމެކެވެ. ބުނެވޭން ހުރި ނުރަގަނޅު ބަސްތައް މަދުކަމުގެ ބުނާ ބަސްތަކެއް ކަމަށް ލަފާކުރަމެވެ."

ރައީސް ނަޝީދު ވިދާޅުވީ ވަކި މީހަކު ލާދީނީ މީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރުންކަމަށެވެ. އަދި އެއީ އެ މައްޗަށް ޖިނާއީ ދައުވާ އުފުލޭނެ ސަބަބެއްކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި ލާދީނީކަމަށް އެހެން މީހަކާއި ދިމާލަށް ބުނުމަކީ އެހެން މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ބުނާ ބުނުމެކެވެ. އަދި އެއީ އަނެކާ ގޯސްކަމަށް ދެއްކުމަށް ބުނާ ބުނުމެއްކަމަށާއި އަދި އެއީ ބުނެވޭން ހުރި ނުރަނގަޅު ބަސްތައް މަދުކަމުން ބުނާ ބަހެއްކަމަށް ގަބޫލުފުޅުކުރެއްވޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނުގެ ލިޔުން ނިންމާލެއްވީ ވައްކަން ކުރި މީހާއާއި ދިމާލަށް ވަގެކޭ ބުނެވޭ ހަމާގައި އިސްލާމީ ދީނާ ހިލާފްވީމާ ލާދީނީ އޭ ބުނެވެންޖެހޭނަކަމަށް ވިދާޅުވަމުންނެވެ

ލާދީނީ ކިޔުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި މިވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާ މެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށަކަށް ހެދުމަށް ޤާނޫނުލް އުގޫބާތަށް އިޞްލާހެއް ހުށައަޅާފައި ވަނިކޮށެވެ. މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުންވެސް ކުށެއް ކަމަށްވެސް އެ އިޞްލާހުގައި ބުނެފައިވެއެވެ. އަދި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުންވެސް އެއީ ކުށެެއްކަމަށް ބުނެފައިވެއެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ. މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. އަދި އެމަނިކުފާނުވަނީ ޖަރުމަންވިލާތުގެ ހޮސްޕިޓަލަކުންވެސް އިތުރު ފަރުވާ ހޯއްދަވާފައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަރުމަންވިލާތުގައެވެ.