ޚަބަރު

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް


އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއް މަސް ދުވަހަށް ދަމަހައްޓައިފިއެވެ. މިއީ މިމުއްދަތު އިތުރުކުރި 16ވަނަ ފަހަރުއެވެ.

ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ޤަރާރުގައިވަނީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކޮށްފައިވަނީ، ދިވެހިރާއްޖޭގައި އަދިވެސް ކޯވިޑް ބަލީގެ ނުރައްކާ އޮތުމުން އެނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ އަރުއްވާފައިވާތީ ކަމަށެވެ. އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 3ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކުރި 16ވަނަ ފަހަރެވެ.

ހާލަތު ދެމެހެއްޓުމަށް ނިންމާފައިވާއިރު ކޯވިޑް-19ގެ ކޭސްތައް އެހެން އެއްވެސް ދުވަސްވަރެއްގައި ނުދާހާ މައްޗަށް އަރާ، ބަލީގެ ނުރައްކާވަނީ ބޮޑުވެފައެވެ. ވޭތުވެދިޔަ މެއިމަހަކީ ކޯވިޑް ބަލީގައި ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވި މަސްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މޭ މަހު 34516 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ކޯވިޑްގެ ކޭސްތަކުގެ އަދަދު އެއްދުވަހެއްގެ ތެރޭގައި އެންމެ މައްޗަށް އަރާފައިވަނީ މެއިމަހުއެވެ. އެގޮތުން ކޭސްތަކުގެ އަދަދު މެއިމަހު 2000 އިން މައްޗަށްވެސްވަނީ އަރާފައެވެ.

މޭމަސް ފެށުނުއިރު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ ރޭޓް ހުރީ 10.43 އިންސައްތައިގައެވެ. މިބަލީގައި އެންމެ ގިނަ މީހުން ނިޔާވީވެސް މޭ މަހުއެވެ. މޭމަހު އެކަނިވެސް 88 މީހުން ވަނީ ނިޔާވެފައެވެ. ރާއްޖޭގައި ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ މިހާތަނަށް 173 މީހުންވަނީ މިދުނިޔެ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 157 ދިވެހިންނާއި 16 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ރަނގަޅުވުމާ ގުޅިގެން ލުއިތައް ދިން ނަމަވެސް ޙާލަތު ގޯސްވުމާ ގުޅިގެން އަނެއްކާވެސްވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އޮފީސްތަކާ ސްކޫލްތައް ބަންދުކުރުމާ، ބަލި ފެތުރެމުންދާ ރަށްރަށުގައި ކަރފިއުވެސްވަނީ އިޢުލާންކޮށްފައެވެ.