ޚަބަރު

ޢީސަގެ މައްޗަށް އުފުލި އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ ކޯޓަށް


ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާ އެ މައްސަލަ ކޯޓަށް ހުށައަޅައިފިއެވެ. ޕީޖީ އޮފީހުން ވިދާޅުވީ މެންބަރު އަޙްމަދު ޢީސަގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލް އުޤޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާކަމަށެޗެ.

މެންބަރު ޢީސަ އާއި ގުޅޭގޮތުން ފުލުހުން ތަހުޤީގުކޮށްފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމު ގައިގައި ތަޅާ މާރާމާރީ ހިންގާ އަނިޔާކުރި މައްސަލައެކެވެ. މި މައްސަލަ ފުލުހުންނަށް ހުށައެޅީ އަސްރާގެ އަވައްޓެރިއެއްކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލާގައި ފުލުހުން ވަނީ އަސްރާގެ ބަޔާންވެސް ނަގާފައެވެ. އެ މައްސަލަ ކުރިޔަށް ނުގެންދިޔުމަށް އަސްރާ އެދިވަޑައިގެންނެވި ނަމަވެސް ވަކި މީހަކު އެދިގެން މައްސަލަ ފައިލް ނުކުރާނެކަމަށް ވިދާޅުވެ ފުލުހުން ވަނީ މައްސަލަ ބަލާފައެވެ.

މެންބަރު ޢީސަގެ މައްޗަށް އުފުލާފައިވާ މި ދަޢުވާގެ ކުށަކީ ޖުނަޙްގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ، 6 މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ ޖޫރިމަނާގެ ޢަދަބު ކަނޑައަޅާނަަމަ 24،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

މިދައުވާ ސަބިތުވިނަމަވެސް އޭނާ ފުރުއްވަމުން ގެންދަވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ނުގެއްލޭނެއެވެ. ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ މެންބަރެއްގެ މައްޗަށް އަހަރަކަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވައިނަމައެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސަގެ މައްޗަށް ތުހުމަތު ކުރެވުނު ގެވެށި އަނިޔާގެ މައްސަލާގައި އިންސާފުވެރި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ހިންގައިދިނުމަށް އެމްޑީޕީންވެސް ވަނީ ގޮވާލާފައެވެ. ތުހުމަތުކުރެވޭ މައްސަލާއާއި ގުޅިގެން އެކަމުގެ ޖިނާޢީ ތަޙްޤީޤު ނިމެންދެން، ޕާޓީގެ ޤައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީގެ ގެ ފިޔަވަޅު އަޅާ ކޮމެޓީންވަނީ ނިންމާފައެވެ. އަދި އީސަ ފުރުއްވަމުން ގެންދެވި ރައްޔިތުން މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގެ މުޤައްރިރުކަމުން ވަކިކުރަން މަޖިލީހުން މަސައްކަތް ފެށުމުން އޭނާ ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.