ކުޅިވަރު

ކޮންފަރެންސް ސެމީފައިނަލުން ސިކްސަރސް، ޖޭޒް އަދި ހޯކްސްއިން ޖާގަހޯދައިފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ކޮންފަރެންސް ސެމީފައިނަލުން ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި އެޓްލާންޓާ ހޯކްސް އަދި ޔޫޓާ ޖޭޒް ޖާގަހޯދައިފިއެވެ.

އީސްޓަރން ކޮންފަރެންސްގެ ސެމީފައިނަލުން ސިކްސަރސް ޖާގަހޯދީ ވޮޝިންގޓަން ވިޒަޑްސްއާއެކު ކުޅުނު ޕްލޭ އޮފް ސީރީޒް ހަތަރު މެޗް އެއްމެޗުން ކާމިޔާބުކޮށްގެންނެވެ. މިގޮތުން މިދެޓީމްގެ މެދުގައި ކުޅުނު ފަސްވަނަ މެޗް ސިކްސަރސް ކާމިޔާބުކުރީ 129 ޕޮއިންޓް 112 ޕޮއިންޓުންނެވެ. މިމެޗްގައި ސިކްސަރސްގެ ޓޯބިއަސް ހެރިސްވަނީ 28 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގައި 6 އެސިސްޓް ކޮށްފައެވެ. އަދި ވިޒަޑްސްގެ ބްރެޑްލީ ބީލް ވަނީ 32 ޕޮއިންޓް ހޯދައިދީފައެވެ. ކޮންފަރެންސް ސެމީފައިނަލްގައި ސިކްސަރސް ބައްދަލުކުރާނީ އެޓްލާންޓާ ހޯކްސްއާއެވެ.

ހޯކްސް ކޮންފަރެންސް ސެމީފައިނަލުން ޖާގަހޯދީ ޕްލޭ އޮފްގައި ނިއުޔޯކް ނިކްސް އާއި އެކު ކުޅުނު ސީރީޒް ހަތަރު މެޗް އެއް މެޗުން ކާމިޔާބުކޮށްގެންނެވެ. މިދެޓީމްގެ މެދުގައި ރޭ ކުޅުނު ފަސްވަނަ މެޗް ހޯކްސް ކާމިޔާބުކުރީ 103 ޕޮއިންޓް 89 ޕޮއިންޓުންނެވެ. މިމެޗްގައި ހޯކްސްގެ ޓްރެއި ޔަންގް ވަނީ 36 ޕޮއިންޓް ހޯދައިދީ 9 އެސިސްޓް ކޮށްފައެވެ. އަދި ނިކްސްގެ ޖޫލިއަސް ރެންޑްލް ވަނީ 23 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގާފައެވެ.

މިމުބާރާތުގެ ވެސްޓަރސް ކޮންފަރެންސްގެ ސެމީފައިނަލުން ޔޫޓާ ޖޭޒް ޖާގަހޯދީ ޕްލޭ އޮފްގައި މެމްފިސް ގްރިޒްލީސް އާއެކު ކުޅުނު ސީރީޒް ހަތަރު މެޗް އެއްމެޗުން ކާމިޔާބުކޮށްގެންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފަސްވަނަ މެޗް ޖޭޒް ކާމިޔާބުކުރީ 126 ޕޮއިންޓް 110 ޕޮއިންޓުންނެވެ. މިމެޗްގައި ޖޭޒްގެ ޑޮނޮވަން މިޝޭލް ވަނީ 30 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގައި 10 އެސިސްޓް ކޮށްފައެވެ. އަދި ގްރިޒްލީސްގެ ޖާ މޮރާންޓް ވަނީ 27 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގައި 11 އެސިސްޓް ކޮށްފައެވެ.

މީގެއިތުރުން ޑެލަސް މެވްރިކްސް އާއި ލޮސް އެންޖަލިސް ކްލިޕަރސްގެ މެދުގައި ކުޅެމުންދާ ޕްލޭ އޮފް ސީރީޒްގެ ފަސްވަނަ މެޗް ކާމިޔާބުކޮށް މެވްރިކްސް ވަނީ އެއްމެޗްގެ ލީޑެއް ނަގާފައެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފަސްވަނަ މެޗް މެވްރިކްސް ކާމިޔާބުކުރީ 105 ޕޮއިންޓް 100 ޕޮއިންޓުންނެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗް ވަނީ 42 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގައި 14 އެސިސްޓް ކޮށްފައެވެ. އަދި ކްލިޕަރސްގެ ޕޯލް ޖޯޖް ވަނީ 23 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައި 6 އެސިސްޓް ކޮށްފައެވެ.