ޚަބަރު

މަނީ ލޯންްޑްރިންގެ ތުހުމަތުގައި ހާމިދު ހައްޔަރުކޮށްފި


މަނީ ލޯންޑްރިންގެ ތުހުމަތުގައި މ. ޝުރާ މަންޒިލް ޙާމިދު އިސްމާޢީލް ހައްޔަރުކުރައްވައިފިއެވެ.



ފުލުހުން ޙާމިދު
އިސްމާޢީލް މިއަދު ހައްޔަރުކުރައްވާފައި މިވަނީ އޭނާކުރިން ބަންދުކޮށްފައި ހުރި
މައްސަލައިގެ ތަޙުޤީޤް ނިމި އެމައްސަލާގައި އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ
ތަނެއް ނެތްކަމަށް ނިންމަވައި އެމައްސަލައިގެ ބަންދުން ދޫކުރެއްވުމަށްފަހު ކަމަށް
ފުލުހުން މަޢުލޫމާތުދެއްވައެވެ.  

ފުލުހުން
ވިދާޅުވީ އޭނާ ހައްޔަރުކުރެއްވީ، ފުލުހުން މިހާރު ތަޙްޤީޤްކުރައްވަމުން
ގެންދަވާ، ޓުއަރިޒަމް މިނިސްޓްރީން އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ޓޫރިސްޓް
ރިސޯޓް ތަރައްޤީކުރުމަށް ވިއްކި ރަށްތަކުން ލިބުނު ފައިސާއަށް
ޚިޔާނާތްތެރިވުމުގައި ބައިވެރިވުމާއި އަދި އެމައްސަލައާ ގުޅުންހުރި މަނީ
ލޯންޑްރިންގގެ މައްސަލައެއްގެ ތުހުމަތުގައިކަމަށެވެ.



ޓޫރިޒަމް
މިނިސްޓްރީން އެމް.އެމް.ޕީ.އާރ.ސީއަށް ލީސްކުރި ރަށްތަކުގެ ތެރެއިން ރަށެއް
އެމް.އެމް.ޕީ.އާރ.ސީން ވިއްކުމަށްފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި
އެމް.އެމް.ޕީ.އާރ.ސީ އަށް ލިބެންޖެހޭ ފައިސާ އެމް.އެމް.ޕީ.އާރ.ސީގެ އެކައުންޓަށް
ނުވަތަ ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއެއްގެ އެކައުންޓަށް ޖަމާކުރުމެއް ނެތި
ޙާމިދު އިސްމާޢީލްގެ މަސްލަޙަތު އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރިކަމަށް ފުލުހުން ބުނެއެވެ. އަދި އެފައިސާ ޖަމާކުރުމަށްފަހު މިމައްސަލައާ ގުޅުންހުރި މީހުންގެ މަސްލަޙަތު އޮންނަ ކުންފުނިތަކުގެ
އެކައުންޓުތަކަށާއި އެހެނިހެން އެކައުންޓްތަކަށް އެފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް
ތަޙްޤީޤަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެނގޭކަމަށް ފުލުހުން ވިދާޅުވެއެވެ. 



ފުލުހުން
ވިދާޅުވީ، ޙާމިދު އިސްމާޢީލްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި
އެމް.އެމް.ޕީއާރ.ސީއަށް އަށް ރަށްތައް ވިއްކައިގެން ލިބެންޖެހޭ ފައިސާއަށް
ޚިޔާނާތްތެރި ވުމުގައި ބައިވެރިވެ އެހީތެރިވުމުގެ ތުހުމަތުގެ އިތުރުން އެފައިސާ
ހީލަތްތެރި ގޮތެއްގައި އެކިއެކި އެކައުންޓްތަކަށް ޖަމާކޮށް އޮޅުވާލައިގެން
މިމައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތްތަކަށް އެފައިސާ ލިބޭނެ މަގުފަހިކޮށްފައިވުންވެސް
ހިމޭނޭކަމަށެވެ. 

އަދި އެމް.އެމް.ޕީ.އާރސީއިން އެކި ފަރާތްތަކަށް ދޫކުރި ރަށްތަކާއި
ފަޅުތަކުގެ ތެރޭގައި ޙާމިދު އިސްމާޢީލްގެ މަސްލަޙަތު އޮންނަ ކުންފުންޏަކަށް އެހެން
ފަރާތްތަކަށް ދޫކުރެވުނު ރަށްތަކާއި ފަޅުތަކުން ނެގުނު ފަދަ އިކުއިޒިޝަން ކޮސްޓެއް
ނެގުމެއް ނެތި ދައުލަތަށް އެކަށީގެންވާ މަންފާއެއް ނުލިބޭ ގޮތަށް ފަޅެއް
ދޫކޮށްފައިވާ ކަންވެސް ފާހަގަކުރެވިފައިވާ ކަމަށާއި މިމައްސަލަތައްވެސް ތަޙްޤީޤުކުރަމުންދާ
ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.