ޚަބަރު

16 ވަނަ އެމްއެންޑީއެފް ފޮޓޯ މަޢުރަޒު ޏ.ފުވައްމުލަކުގައި


މިއަހަރުގެ
ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ
އެމްއެންޑީއެފް ފޮޓޯ މަޢުރަޒު، އެމްއެންޑީއެފް ސަދަން އޭރިއާ، ޏ.ފުވައްމުލަކުގައި
ފަށައިފިއެވެ. 



މިއަދު ބޭއްވި
ރަސްމިއްޔާތެއްގައި މަޢުރަޒު ހުޅުއްވައިދެއްވީ އެމްއެންޑީއެފުގެ ކުރީގެ ވައިސް
ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު މުޙައްމަދުއެވެ. މަޢުރަޒު
ހުޅުވައިދެއްވުމަށްފަހު އެމްއެންޑީއެފުން ނޮވެމްބަރު 3 ގައި ނެރޭ އައްޑަނަ އަހަރީ
މަޖައްލާވެސް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު މުޙައްމަދު ނެރެދެއްވިއެވެ. 



މިއަދާއި
މަދާމާ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޮޓޯ
މަޢުރަޒުގައި 1988 ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއާ
ގުޅުންހުރި ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ
ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އިޖުތިމާޢީ އެކިއެކި
ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީޚާއި، ސިފައިންގެއަށް ގިނަ ދުވަހު
ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ ފޮޓޯތައް ހިމެނޭކަމަށް އެމްއެންޑީއެފުން
މައުލޫމާތުދެއްވައެވެ. 



ޏ.ފުވައްމުލަކު
ކައުންސިލް އިދާރާ އާއި ފުވައްމުލަކު ރައްޔިތުންގެ އެހީތެރިކަމާއެކު
އެމްއެންޑީއެފް ސަދަން އޭރިއާއިން ކުރިއަށްގެންދާ މިފޮޓޯ މަޢުރަޒުގެ ތެރެއިން
ޢާއިލީ ހަވީރެއް މިއަދާއި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން
މައުލޫމާތުދެއެވެ. 



މި
ޢާއިލީ ހަވީރުގައި ސިފައިންގެ ޚިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ
ސްޓޯލްތަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް ކުޅިވަރުތައް ހިމެނޭކަމަށާއި، އަދި
ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއްވެސް މި ފޮޓޯ މަޢުރަޒުގެ ތެރެއިން
ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.