ވިޔަފާރި

ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓް ހުޅުވައިފި


މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓް ހުޅުވައިފިއެވެ.

މިއީ ރިޓްޒް ކާލްޓަން ބުރޭންޑުން ރާއްޖޭގައި ހުޅުވާފައިވާ ފުރަތަމަ ރިސޯޓެވެ.

ރިޓް ކާލްޓްން މޯލްޑިވްސް ރިސޯޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ލޯންޗެއްގައި 50 މިނެޓުން މި ރިސޯޓަށް ދެވޭނެއެވެ. އަދި ސީޕްލޭންގައި 10 މިނެޓުން މިރިސޯޓަށް ދެވޭނެއެވެ.

މާލެ އަތޮޅުގައި ތަރައްޤީކުރާ ރިޓްސް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންސް ރިސޯޓަކީ 100 ކޮޓަރީގެ ރިސޯޓެކެވެ.

މި ރިސޯޓުގައި އެއް ކޮޓަރީގެ ވިލާތަކާއި 3 ކޮޓަރީގެ ވިލާތަށް ހުރެއެވެ. އަދި ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ ރެސްޓޯރެންޓުތަކާއި، ރިޓްސް ކާލްޓަންގެ ސްޕާއެއްގެ ޙިދުމަތް މި ރިސޯޓުން ލިބޭނެއެވެ.

އެންމެ މަތީ ފަންތީގެ މި ރިސޯޓުގެ ޕްރައިވެޓް ޕޫލަކާއެކު ތަރައްޤީކޮށްފައިވާ އެއްކޮޓަރީގެ އޯޝަން ވިއު ވިލާއަކަށް ޗުއްޓީ ހޭދަކޮށްލުމަށް ރެއަކަށް ގާތްގަނޑަކަށް 28000 ރުފިޔާ ނުވަތަ 1800 ޑޮލަރު ހޭދަވާނެއެވެ. އަދި ޕްރައިވެޓް ޕޫލަކާއި އެކު ހުންނަ 2 ކޮޓަރީގެ ބީޗުވިއު ވިލާއެއްގައި ޗުއްޓީ ހޭދަކޮށްލުމަށް ރެއަކަށް ގާތްގަނޑަކަށް 7399 ޑޮލަރު ނުވަތަ 114096 ރުފިޔާއަރައެވެ.

ރިސޯޓަށް އަންނަ ފަތުރުވެރިންނަށް އަމާޒްކޮށްގެން މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތައް ރާވާފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ބޮޑުބެރު ޖެހުމަށް ޝައުގުވެރިވާ ފަތުރުވެރިންނަށް އަމާޒްކޮށް ހިންގުމަށް ރާވާފައިވާ ބެރުޖަހަން ދަސްކޮށްދޭ ކްލާސްތެކެވެ.

ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންސް ރިސޯޓަކީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިން އިންޓަރގްރޭޓަޑް ރިސޯޓު ކޮންސެޕްޓަށް ތަރައްޤީކޮށްފައިވާ ފަރި އައިލެންޑްސްގެ އެއް ރިސޯޓެވެ. މި ތަނުގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ތިން ރިސޯޓެއް ތަރައްޤީކޮށްފައިވެއެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ހޮޓާ ޗެއިން ކަމަށްވާ މެރިއޮޓް އިންޓަނޭޝަނަލްގެ ބްރޭންޑެއް ކަމަށްވާ ރިޓްޒް ކާލްޓަންގެ ރިސޯޓުގެ އިތުރުން، ކަޕެލާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހިންގުމަށް ހަމަޖެހިފައިވާ ރިސޯޓަކާއި ޕެޓީނާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހިންގުމަށް ހަމަޖެހިފައިވާ ރިސޯޓެެއް ފަރި އައިލެންސްގައި ހިމެނެއެވެ.

މީގެތެރެއިން "ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް" ރިސޯޓްވެސް ވަނީ މިދިޔަމަހުގެ ތެރޭގައި ހުޅުވާފައެެވެ. މި ރިސޯޓްގައި 90 ވިލާއާއި 20 ސްޓޫޑިއޯ ރޫމްއާއިއެކު މުޅި ޖުމްލަ 120 ކޮޓަރި ހުރެއެވެ. އަދި ރިސޯޓްގައި 3 ކޮޓަރީގެ ބީޗް ހައުސްއެއްވެސް ހުރެއެވެ.