ކުޅިވަރު

އޭއެފްސީ ކަޕްގައި ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗްތައް އޯގަސްޓް މަހު


އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕްގެ މެޗްތައް އޯގަސްޓް މަހުގައި ކުޅޭ ގޮތަށް އޭއެފްސީއިން ނިންމައިފިއެވެ.

ދެ ފަހަރެއްގެ މަތިން އޭއެފްސީ ކަޕްގެ މެޗްތައް ފަސްކުރުމަށްފަހު، ފާއިތުވި މޭއި މަހުގެ 11ވަނަ ދުވަހު އޭއެފްސީ ކަޕްގެ ޕްލޭއޯފްގެ މެޗް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރިއެވެ. އިންޑިޔާގެ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ކުލަބް އީގަލްސް ވާދަކުރުމަށް ހަމަޖެހިފައިވާ މެޗް ކުޅެވޭގޮތް ނުވީ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން އެޗްޕީއޭ އަދި އޭއެފްސީގެ ގައިޑްލައިނާއި ހިލާފުވުމާއި ގުޅިގެން ރާއްޖޭގައި މެޗް ކުރިޔަށްގެންދަން ބޭނުންނުވުމުންނެވެ.

އޭއެފްސީއިން ނިންމީ މިމަހުގެ 27ވަނަ ދުވަހު ޕްލޭއޯފް މެޗް ކުޅެ، މިމަމަހުގެ 30އިން 6ކަށް ގުރޫޕް ސެޓޭޖްގެ މެޗްތައް ކުޅުމަށެވެ. އަދި މިމެޗްތައް ހޯސްޓް ކުރާނެ ބައެއް ހޯދުމަށް އޭއެފްސީއިން ވަނީ އަލުން ބިޑަށްވެސް ހުޅުވާލާފައެވެ. އޭއެފްސީއިން މެޗްތަށް އޯގަސްޓް މަހަށް ފަސްކުރަންޖެހުނީ މިމަހުގެ ތެރޭގައި ޕްލޭއޯފް މެޗާއި ގުރޫޕް ސްޓޭޖްގެ މެޗްތައް ހޯސްޓް ކުރާނެ ގައުމެއް ނުވުމުންނެވެ. އޯގަސްޓް މަހަށް މެޗްތައް ފަސްކޮށްފައިވާއިރު، އީގަލްސް އާއި ބެންގަލޫރު އެފްސީ މެޗް މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 15ވަނަ ދުވަހުއެވެ. އަދި ގުރޫޕްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 18 އިން 24 ނިޔަލަށެވެ.

ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕުން ރާއްޖޭގެ މާޒިޔާ ޖާގަ ހޯދާފައިވަނީ އެންމެ ފަހުގެ ލީގް ޗެންޕިއަންގެ ގޮތުގައިއެވެ. މި ގުރޫޕްގައި ދެން ހިމެނެނީ އިންޑިޔާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއެވެ. އަދި މިގުރޫޕްގެ ފަހު ޖާގަ ލިބޭނީ ބެންގަލޫރު އާއި ކުލަބް އީގަލްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.