ކުޅިވަރު

ހަވީރު އެވޯޑް ޕާޓްނަރުންގެ އެހީގައި ހިންމަފުއްޓަށް ބޮޑު އެހީއެއް


ހަވީރު ސްޕޯރޓްސް އެވޯޑްސްގެ ޕާރޓްނަރުންގެ އެހީތެރިކަމާއެކު ހިންމަފުށީގެ މުއްސަޞާތަކަށާއި، ކްލަބް ޖަމްއިއްޔާއަށް ލައްކައެއްހާ ރުފިޔާގެ ސާމާނު ހަދިޔާކޮށްފިއެވެ. ތަކެތި ހަދިޔާކުރީ ހަވީރު ސްޕޯރޓްސް އެވޯޑްސްގެ ޕާޓްނަރުންނާއި، ތަރިން މިއަދު ހިތްމަފުއްޓަށް ކުރި ދަތުރުގައެވެ. މިދަތުރުގައި ހިތްމަފުށީ ކައުންސިލާއި، ޕްރީ ސްކޫލާއި، ސްކޫލާއި ކްލަބް އަދި ޒުވާނުންގެ މަރުކަޒަށް ސާމާނު ހަދިޔާކުރިއެވެ. ހަދިޔާކުރި ސާމާނުތަކުގެ ތެރޭގައި ޓީވީއާއި، ސައުންޑް ސިސްޓަމާއި، ލެޕްޓޮޕާއި، ކުޅިވަރު ކުޅޭ ސާމާނު ހިމެނެއެވެ. ޕާޓްނަރުންގެ އިތުރުން ހަވީރުންވެސް ބައެއް ސާމާނު ހަދިޔާކުރިއެވެ. މީގެއިތުރުން މިދަތުރުގައި ހިންމަފުށީގައި ކުޑަކުދިންގެ ހަވީރެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މިދަތުރުގައި ގިނަ ކުޅިވަރުތަކެއްގެ މޮޅު ކުޅުންތެރިން ބައިވެރިވިއެވެ.  މިއީ ކޮންމެ އަހަރަކުވެސް ހަވީރުން ކުރާ ދަތުރެކެވެ. އެކި އަހަރު މިދަތުރު ކުރަމުންދަނީ އެކި ރަށްތަކަށެވެ. ހަވީރު ސްޕޯރޓްސް އެވޯޑްސްގެ މީޑިއާ ޕާރޓްނަރަކީ ޕަބްލިކް ސަރވިސް މީޑިޔާއެވެ.