ޚަބަރު

ކޯވިޑްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ނިޔާވެއްޖެ


ކޯވިޑް ބަލީގައި ރާޢްޖެއިން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ. މީ މި ބަލީގައި ރާޢްޖެއިން ކުޑަކުއްޖަކު ނިޔާވި ފުރތަމަ ފަހަރެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ ނުކުޅެދުންތަރިކަން ހުންނަ ކުއްޖެކެވެ. މިކުއްޖާ ނިޔާވެފައިވަނީ ހާލު ބޮޑުވެގެން އައިޖީއެމްއެޗަށް އެމަރޖެންސީގައި ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ހޭނެތިފައެވެ. މި ކުއްޖާގެ މަރާއި އެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު 170 އަށް އެރީއެވެ. މި ކުއްޖާގެ އިތުރުން ދެން މިބަލީގައި ރާޢްޖެއިން ނިޔާވެފައިވާ އެންމެ ހައްގު ދިވެއްސަކީ އުމުރުން 30 އަހަރުގެ އަންހެނެކެވެ.

މިއީ ކުޑަކުއްޖަކު މިބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ ފަހަރެވެ. މުޅި ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ކޯވިޑް ބަލީގައި ކުޑަކުއްޖަރު މަރުވެފައެއް ނުވެއެވެ. މިބަލީގައި ނިޔާވަނީ ޕޮޒިޓިވްވާ ކުދިންގެ ތެރެއިން ދިފާޢީ ނިޒާމު ވަރަށް ބަލި ކުދިންނެވެ. ކޯވިޑް ބަލީގައި ހާލު ދެރަވެ އުމުތުން 7 އަހަރުގެ ކުއްޖަކަށް ވެންޓީލޭޓަރުގައި މިހާރުވެސް އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑްގައި ބޮޑުވަރުވަނީ ދިފާޢީ ނިޒާމު ބަލިކަށި މީހުންކަމަށް މީގެ ކުރިން ޤަބޫލުކުރެވިފައި އޮތްނަމަވެސް ބަލީގެ އަސްލަށް އަންނަމުންދާ ބަދަލާއެކު ބަލިޖެހޭ ޒުވާނުންނަށް އޮތް ނުރައްކާވެސްވަނީ ބޮޑުވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވާ މީހުން ބަލިން ރަނގަޅުވުމަށްފަހުވެސް އެތައް މަހެއްވަންދެން އޭގެ އަސަރުތައް ހަށިގަނޑުގައި ދެމިހުރެއެވެ. އޭގެ ސަބަބުން ވަރުބަލިވުމާއި ހަނދާން ނެތުމާއި ނަފްސާނީ މައްސަލަތައް ބޮޑުކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.