ޚަބަރު

މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ވިލިމާލޭގައި ބާއްވައިފި


ޖުމްހޫރީ
ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއުޒިކަލް ޑްރިލް
ޑިސްޕްލޭއެއް ވިލިމާލެ ބަނދަރު ސަރަޙައްދުގައި މިއަދު ހަވީރު ބާއްވައިފިއެވެ.



ގިނަ އަދަދެއްގެ އާންމު
ރައްޔިތުންގެ އެދުމުގެ މަތިން ބޭއްވި މިޑިސްޕްލޭ ބަލާލުމަށްޓަކައި ވިލިމާލޭގައި ދިރިއުޅޭ
ގިނައަދަދެއްގެ އާންމުންނާއި ޚާއްޞަކޮށް ކުޑަކުދިން ޖަމާވެ، ހޫނު ތަރުހީބެއް ދިންކަމަށް
އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.



އަދި މިއުޒިކަލް ޑްރިލް
ޑިސްޕްލޭއަށްފަހު ޑިސްޕްލޭގައި ބައިވެރިވި ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު
އެސަރަޙައްދަށް ޖަމާވެފައިވާ އާންމުންނަށާއި ކުޑަކުދިންނަށް ހުޅުވާލެވުނުކަމަށްވެސް
އެމްއެންޑީއެފުން ބުނެއެވެ.



ޖުމްހޫރީ ދުވަސް
ފާހަގަކުރުމުގެ ގޮތުން ނޮވެންބަރު 11 ވީ ބުދަ ދުވަހު ހަވީރު ޝަހީދުންގެ ބިނާ
ސަރަހައްދާއި އަދި ނޮވެންބަރު 13 ވީ ހުކުރު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗް
ސަރަހައްދާއި މިމަހު 14 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ވެސް
އެމްއެންޑީއެފުން މިއުޒިކަލް ޑްރިލް ޑިސްޕްލޭ ބާއްވާފައިވެއެވެ.



އެމްއެންޑީއެފްގެ
މިއުޒިކަލް ޑްރިލް ޑިސްޕްލޭއަށް އާންމުންގެ ވަރަށްބޮޑު ސަމާލުކަމެއް
ލިބިފައިވާއިރު، މި ހަރަކާތަށް ކުޑަކުދިންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބެމުންދާކަމަށް
އެމްއެންޑީއެފުން މައުލޫމާތުދެއެވެ.



މިއުޒިކަލް ޑްރިލް
ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި
އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް
ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް
ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ
އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.