ޚަބަރު

އައްޑޫސިޓީން ހައްޔަރުކުރި 5 މީހަކު ދޫކޮށްލަން ކޯޓުން ކުރި އަމުރު އިސްތިއުނާފްކުރަން އެދިއްޖެ


ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި އައްޑޫސިޓީން ހައްޔަރުކުރި 5 މީހަކު ދޫކޮށްލަން ކޯޓުން ކުރި އަމުރު އިސްތިއުނާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގައި އެދެއްޖެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި އައްޑޫސިޓީން 9 މީހަކު ހައްޔަރުކުރީ މިދިޔަ 15ވަނަ ދުވަހުގެރޭގަވެ. ފުލުހުން ވިދާޅުވީ އެ އޮޕަރޭޝަންތަކުގައި އައްޑޫސިޓީން ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހަކު ދޫކޮށްލަން ކޯޓުން ކުރިއަމުރު އިސްތިއުނާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގައި
އެދިފައިވާނެކަމަށެވެ.

އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންނަކީ ހަތިޔާރާއި ބޮން އުފައްދަމުން އަންނަ ބައެއްކަމަށް ފުލުހުން ތުހުމަތުކުރެއެވެ. މިދިޔަ މަހުގެ 6ވަނަ ދުވަހުގެރޭ އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ރާއްޖޭގެ އެކި ސަރަހައްދުގައި އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

މިއޮޕަރޭޝަންތަކުގައި ވަނީ ހަރުކަށި ފިކުރު ފެތުރުމުގައި ބޮޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ތުހުމަތުގައި މާލެއިންވެސް މީހަކު ހައްޔަރުކޮށްފައެވެ. އަދި މިމީހާގެ ބަންދަށް ވަނީ 15 ދުވަސްވެސް ޖަހާފައެވެ. މީގެ އިތުރަށް ހުޅުމާލެއިންނާއި ބ.ދަރަވަންދޫންވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.