ޚަބަރު

ކޯވިޑް-19 : އިތުރު ދެމަރާއެކު މިއަދުގެ 6 ވަނަ މަރު


ކޯވިޑް ބަލީގައި މިއަދުގެ މިހާތަނަށް 6 މީހަކު ނިޔާވެއްޖެއެވެ. ނިމިދިޔަ މޭ މަހަކީ މި ބައްޔަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެ މި ބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި މަހެވެ.

ކޯވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ނިޔާވި 6 މީހުންގެ ތެރެއިން 4 މީހުންނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ. އަނެއް ދެމީހުންގެ ތެރެއިން އެކަކީ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ އުމުރުން 89 އަހަރުގެ ދިވެހި އަންހެނެކެވެ. ދެން ނިޔާވެފައިވަނީ އޭދަފުށީގައި ޤާއިމުކޮށްފައިވާ ކޯވިޑް ފެސިލީޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު ނިޔާވެފައިވަނީ 62 އަހަރުގެ ދިވެހި ފިރިހެނަކާއި، 70 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނެއްގެ އިތުރުން 59 އަހަރުގެ އަންހެނެކެވެ. ބ.އޭދަފުށިން ނިޔާވީ ޢުމުރުން 87 އަހަރުގެ ފިރިހެނެކެވެ.

އޭދަފުށީ ފެސިލިޓީން ނިޔާވި މީހަކީ އެތަނުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ފުރަތަމަ މީހާއެވެ. މީގެ ކުރިންވެސް ބ.އަތޮޅުން 3 މީހަކުވަނީ ކޯވިޑް ބަލީގައި ނިޔާވެފައެވެ. އެތިން މަރުވެސް ކޯވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމީހުން ނިޔާވުމާއި ގުޅިގެން ހެދި ސާމްޕަލް ޓެސްޓުން ކޯވިޑަށް ޕޮޒިޓިވްވުމުންނެވެ. މިއަދު ނިޔާވި ހަ މީހުންނާއެކު މިހާތަނަށް ރާއްޖެއިން 167 މީހަކު މިވަނީ ކޯވިޑް ބަލީގައި ނިޔާވެފައެވެ.

ކޯވިޑްގެ ނުރައްކާ ރާއްޖޭގައި މިހާތަނަށް އެންމެ ނުރައްކާތެރިވެގެން ދިޔައީ ނިމިދިޔަ މޭ މަހުގައެވެ. މޭ މަހު 34516 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ކޯވިޑްގެ ކޭސްތަކުގެ އަދަދު އެއްދުވަހެއްގެ ތެރޭގައި 2000 އިން މައްޗަށްވެސް މެއިމަހުވަނީ އަރާފައެވެ.

މޭމަސް ފެށުނުއިރު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ ރޭޓް ހުރީ 10.43 އިންސައްތައިގައެވެ. މި ރޭޓް މައްޗަށް އަރަމުން ގޮސް މިއަދަދު ވަނީ 39.56 އިންސައްތައަށް އަރާފައެވެ. އެހެންނަމަވެސް ސަރުކާރުން އެޅި ފިޔަވުތަކާއި އެކު މިއަދަދު ވަނީ 13 އިންސައްތަ ދަށަށް ޖެހިފައެވެ. މި ބަލީގައި އެންމެ ގިނަ މީހުން ނިޔާވީވެސް މޭ މަހުއެވެ. މޭމަހު އެކަނި 88 މީހުން ވަނީ ނިޔާވެފައެވެ. މިއީ އެވްރެޖްކޮށް ބަލާނަމަ ދުވާލަކަށް 2 މަރަށްވުރެ ގިނަ އަދަދެކެވެ. މޭމަހު މިބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން އެއްދުވަހެއްގައި ނިޔާވީ މޭމަހުގެ 24 ވަނަދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

އެޗްޕީއޭގެ ތާފާސް ހިސާބުތައް ދައްކާގޮތުން މި ވަގުތު އަދި ބައްޔަށް ފަރުވާ ހޯދަމުން އަންނަ 24،000އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. ކޯވިޑްގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ވިދާޅުވެއެވެ.