ޚަބަރު

ކޯވިޑް-19 : އިތުރު 710 މީހުން ޕޮޒިޓިވްވެ، ޖުމަލަ ޢަދަދު 64،000އަށް


ރާއްޖެއިން އިތުރު 710 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޢަދަދު 64،000 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00އިން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 710 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 488 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 202 މީހުންނާއި ހަދަމުންދާ ރިޒޯޓްތަކުން ޕޮޒިޓިވްވި 15 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 5 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 64،396އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ 24،109 އަށްތިރިވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 218 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 803 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 40،117 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5،310 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 161 މީހުންވަނީ ނިޔާވެފައެވެ.