ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނެއް ރާއްޖޭގައި އެކުލަވާލީ 2010ވަނަ އަހަރުއެވެ. މި ޤާނޫނުގައި ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށްޓަކާ މުހިންމު ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު، މިހާތަނަށްވެސް ދުންފަތާ ދެކޮޅަށް މުހިންމު ގިނަ ފިޔަވަޅުތައްވަނީ އަޅާފައެވެ.
ދުންފަތް ކޮންޓްރޯލްކުރުން މުހިންމުވެފައިވަނީ ދުންފަތުގެ ސަބަބުން ސިއްޙީ ގޮތުން ކުރިމަތިވާ ގެއްލުންތަކާއި، އަދި އެއިން ނިކުންނަ ނޭދެވޭ އިޖުތިމާޢީ މައްސަލަތަކުގެ ސަބަބުންނެވެ.
"ނިކޮޓިން"އަށް ދެވިހިފުމުން އޭގެ ޑޯޒް ލިބިގަތުމަށް ސިގިރޭޓް ބޭނުންކުރާ ކޮންމެ ފަހަރަކު ދުމާއެކު 4000 އަށްވުރެ ގިނަ ކެމިކަލްގެ ބާވަތްތައް ހަށިގަނޑަށް ވާސިލްވެއެވެ. އެކި އެކި ދިރާސާތަކުން ދައްކާގޮތުގަ ދުންފަތް ނުވަތަ ސިގިރޭޓްގެ ދުމުގައި ހިމެނޭ ކެމިކަލްތަކުގެ ސަބަބުން ތަފާތު 43 ވައްތަރެއްގެ ކެންސަރު ޖެހުމަށް މަގުފަހިވެއެވެ. ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނަށް ކުރާ އަސަރެކޭ އެއްގޮތަށް، "ސެކަންޑް ހޭންޑް ސްމޯކަރސް" ނުވަތަ ދުންފަތުގެ ދުމުގެ އަސަރު ކުރާ ވެށިތަކުގައި އުޅޭ މީހުންނަށްވެސް މީގެ ނުރައްކާ އެތައް ގޮތަކުން ބޮޑެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ދިމާވާ ސިއްޙީ މައްސަލަތަކުގައި އަހަރަކު 7މިލިއަނަށްވުރެ ގިނަ މީހުން މަރުވެއެވެ. ރާއްޖެއަށް ބަލާއިރުވެސް އެންމެ އާއްމު އެއް ކެންސަރުގެ ބާވަތަކީ އަންގައިގެ ކެންސަރެވެ. އަދި ފުއްޕާމޭގެ ކެންސަރުގެ މީހުންވެސް ހިމެނެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ފުއްޕާމޭގެ ކެންސަރުގައި މަރުވާ މީހުންގެ %24 މީހުންނަކީ ސެކަންޑްހޭންޑް ސްމޯކާސްއެވެ. މި ދެ ބާވަތުގެ ކެންސަރު ޖެހުމަށްވެސް އެންމެ ބޮޑަށް މަގުފަހިވަނީ ދުންފަތެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ އެއްތިރީސްވަނަ ދުވަސް ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު މިއަހަރުގެ މިދުވަހުގެ ޝިއާރަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ގަދަ އަޒުމެއް ކަނޑައެޅުމެވެ. ދުނިޔެ މިއޮތް ކޯވިޑް19ގެ ޙާލަތަށް ބަލާއިރުވެސް، މި ޢަޒުމަށް އިތުރަށް މަސައްކަތް ކުރަންޖެހިފައިވާކަން ދަނީ ފެންނަމުންނެވެ. ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ބަލީގެ ނުރައްކާ ބޮޑެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވިދާޅުވީ މި ބަލިމަޑުގެ ޙާލަތާ ގުޅިގެން، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އާބާދީގެ %60މީހުން، މި ގޯސް އާދައިން ދުރުހެލިވާން ބޭނުންވެފައިވާކަމަށެވެ. ނަމަވެސް މިއާދަ ހުއްޓާލަން ބޭނުންވާ މީހުންނަށް ދޭ ފަރުވާއާ ވަސީލަތްތައް ފޯރާ ހިސާބުގައިވަނީ މީގެތެރެއިން %30 މީހުންނެވެ.
ރާއްޖެއަށް ބަލާއިރު، ދުންފަތުން ދުރުހެލިވާން ބޭނުންވާ މީހުންނަށް ގިނަ ފުރުޞަތުތަކެއް މިހާރު އެބަހުއްޓެވެ. ދުންފަތުން ދުރުވާން ބޭނުންވާ މީހުންނަށް ހިލޭ ފަރުވާ ލިބޭނެ "ސްމޯކިން ސިޒޭޝަން ކްލިނިކް"ގެ ޚިދުމަތްވެސް 2018ވަނަ އަހަރުން ފަށައިގެން އަންނަނީ ދެމުންނެވެ. ދުންފަތުގެ ވަބާއިން ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެންމެ ބޮޑު އެހީއަކީ މިފަދަ ސިއްޙީ އެހީތެރިކަމެވެ. މީގެއިތުރަށްވެސް އަމިއްލައަށް ކުރެވިދާނެ ކަންކަމުގެ ތެރޭގަ ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް ތާވަލެއް ހެދިދާނެއެވެ. އަދި މަޑުމަޑުން ޑޯޒް ކުޑަކުރުމާ، އާއިލާއާ އެކިއެކި މަސައްކަތްތަކުގަ ޝާމިލްވުން އިތުރުކުރުމާ ކެއިންބުއިމާ ދިރިއުޅުމުގެ އާދަތައް ބަދަލުކޮށްގެން މިކަމުން ދުރުހެލިވާން އަމިއްލައަށްވެސް މަސައްކަތްތައް ކުރެވިދާނެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައިވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމާއި، ދުންފަތް އިޝްތިހާރުކުރުން މަނާކުރުމާއި، ދުންފަތުގެ ގެއްލުން ބަޔާންކޮށް ލޭބަލް ޖެހުމާއި، ސިނގިރޭޓުފަދަ ބާވަތްތައް ވަކިން ވިއްކުން މަނާކުރުމާއި މިފަދަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމުގެ އިތުރުން ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން ހިމެނެއެވެ.