ޚަބަރު

މަސްވެރިންގެ ދުވަހާއި، ދަނޑުވެރިންގެ ދުވަސް ފާހަގަކުރުން


ވޭތުވެދިޔަ 50 އަހަރުތެރޭގައި މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ މަސައްކަތްކޮށްދެއްވި 4 ފަރާތަކަށް އެކަން ފާހަގަކޮށް އިނާމުދެއްވައިފިއެވެ. މިއިނާމު ދެއްވުން އޮތީ ރޭ ދަރުބާރުގޭގައި ބޭއްވި މަސްވެރިންނާއި ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މިއީ ދަނޑުވެރިންނާއި މަސްވެރިންގެ ދުވަސް އެއް ދުވަހުގެ ގޮތުގައި ފާހަގަކުރި ފުރަތަމަ ފަހަރެވެ. ސަރުކާރުން މިދެދުވަސް މިއަހަރު އެއް ދުވަހެއްގެ ގޮތުގައި ފާހަގަކުރެއްވީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެނެވެ. މީގެއިތުރުން މި ދެދުވަސް އެއްކޮށްފާހަގަކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ޚަރަދުކުޑަކުރުންވެސް ހިމެނެއެވެ. މަސްވެރިންނާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އިނާމު ދެއްވާފައިވާ ފަރާތްތަކަކީ ދިވެހި ކަނޑުތަކާއި، ދަނޑުތަކުގައި ގިނަ ވަގުތު ހޭދަކުރަމުންދާ ދަނޑުވެރިންނާއި މަސްވެރިންނަށް އަމާޒުކޮށް މަޢުލޫމާތުގެ ތަފާތު ޕްރޮގްރާމްތައް ފޯރުކޮށްދެއްވާތީ ދިވެހިރާއްޖެއަޑަށާއި، މަސް ކަނޑުތައް ބަލަހައްޓާ، އެސަހަރައްދުތައް ހިމާޔަތްކުރެއްވުމުގައި ހަރަކާތްތެރިވަމުންދާތީ، ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑަށާއި،  ވޭތުވެދިޔަ އަހަރުގެ ކެމްބްރިޖް އިމްތިހާނުގެ މެރިން ސައިންސުން އެއްވަނަ ސ. ހިތަދޫ، ޝަރައްފުއްދީން ސްކޫލުން ހޯދާފައިވާތީ އެސްކޫލަށާއި، ވޭތުވެދިޔަ  އަހަރުގެ އޮކްޓޯބަރުމަހުގެ 1ން، މިއަހަރުގެ އޮގަސްޓް 31ށް މަހުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދާފައިވާތީ މިފްކޯއަށެވެ.ރޭގެ ޖަލްސާގައި މިނިސްޓަރ އޮފް ފިޝަރިޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. ރޭގެ ޖަލްސާގައި ވަނީ މަސްވެރިންނަށް އަމާޒުކޮށް ސެޓަލައިޓް ފޯނެއް އިފްތިތާހުކޮށްފައެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި އުރީދޫ ގުޅިގެން އެމިނިސްޓްރީގެ މަސައްކަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އުރީދޫގެ ފްރީ ބޭސިކް އެޕްލިކޭޝަނެއްވެސްް ވަނީ އިފްތިތާހުކޮށްފައެވެ.މިޖަލްސާގައި މަސްވެރިންގެ ދުވަހާއި، ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވާ ޚާއްސަ އިނާމުތައް ދެއްވުމުގެ އިތުރަށް ނައިފަރު ކޯޕަރޭޓީވް ސޮސައިޓީގެ އުފެއްދުންތައް ވެސް ވަނީ ތަޢާރަފްކުރައްވާފައެވެ. ރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބިލުގެ މުނާސަބަތުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި ފާއިތުވެދިޔަ 50 އަހަރު ހޯދާފައިވާ ކުރިއެރުން ރަމްޒުކޮށް ޝަރަފްވެރިމެހެމާން، ރައިސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް ދެއްވާފައެވެ. މިއަހަރު މިފާހަގަކުރީ 35 ވަނަ މަސްވެރިންގެ ދުވަހާއި، 7 ވަނަ ދަނޑުވެރިންގެ ދުވަހެވެ.