ޚަބަރު

ޓޫރިޒަމް މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރ ސިންގަޕޫރަށް


ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާއި، އިންވެސްޓްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއި ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް ޓޫރިޒަމް މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.މިދަތުރުފުޅުގައި މައިގަނޑުގޮތެއްގައި، ޓޫރިޒަމް ދާއިރާގައި ހުރި އިންވެސްޓްމަންޓުގެ ފުރުޞަތުތަކާއި، ދާދިފަހުން ޗައިނާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި އެކި ދާއިރާތަކުން އިންވެސްޓްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ވަރަށް ގިނަ ފުރުޞަތުތައް ރާއްޖޭގައި އެބަހުރިކަމަށާއި، މިދަތުރުގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް މިހާރު ހެދިފައިހުރި ސިޔާސަތުތަކާބެހޭ މައުލޫމާތުދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވީ، މިދަތުރުފުޅުގައި ސްޕެޝަލް އިކޮނިމިކް ޒޯނާއި، ހުޅުމާލޭގައި ވިޔަފާރި ތަރައްޤީކުރެވިދާނެ ދާއިރާތަކާއި، ރާއްޖޭގައި ވިޔަފާރި ފުޅާވެފައި ނެތް އާ ދާއިރާތަކުންވެސް އިންވެސްޓްމަންޓް އިތުރުކުރެއްވުމަށް މަޝްވަރާކުރައްވާނެކަމަށެވެ. ސިންގަޕޫރުގެ އިތުރުން ސަރަޙައްދީ އެހެން ޤައުމުތަކާއި، މެދުއިރުމަތީގެ ޤައުމުތަކަށްވެސް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކާބެހޭ މަޢުލޫމާތު ދެއްވުމަށް އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ.