ކުޅިވަރު

ލީގު 3ވަނަ ބުރު ނުކުޅެ އެފްއޭ ކަޕްއާއި ޕްރެޒިޑެންޓް ކަޕް ކެންސަލްކޮށްފި


ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ލީގް ތިންވަނަ ބުރު ނުކުޅެ، ލީގުގެ ދެވަނަ ބުރާއި ހަމައިން ލީގު ނިންމާލަން އެފްއޭއެމްގެ ހިންގާ ކޮމިޓީ ނިންމައިފިއެވެ.

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ލީގުގެ ދެވަނަ ބުރު ކުޅެނިމިފައިވުމުން، މިހާރު އޮތް ހިސާބުން ލީގް ނިންމާލީކަމެވެ. މީގެ ކުރިންވެސް މިއަހަރު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތިންވަނަ ބުރު ކުރިއަށް ގެންދިއުމާއިމެ ދުވަނީ ސުވާލް އުފެދިފައެވެ. ލީގުގެ ތިންވަނަ ބުރު ކުރިއަށް ނުގެންދިއުމުގެ އިތުރުން މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައިވަނީ މިއަހަރުގެ އެފްއޭކަޕާއި ޕްރެޒިޑެންޓްސް ކަޕްވެސް ކުރިއަށް ނުގެންދަން ނިންމާފައެވެ.

މާލެ ސަރަހައްދުގެ ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރުވެސް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުޅެފައެއް ނުވެއެވެ. ލީގުގެ ތިންވަނަ ބުރު ނުކުޅެ، ލީގު ނިންމާލަން ނިންމާފައިވާއިރު، މިވަގުތު ލީގު ތާވަލްގެ އެއްވަނައިގައި މާޒިޔާ އޮތުމުގެ ސަބަބުން މާޒިޔާ އަށް ވަނީ ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ ލީގު ޗެންޕިއަންކަން ލިބިފައެވެ. މާޒިޔާއަށް 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ ދަވަނައިގައިވާ ކުލަބް ވެލެންސިޔާއަށް 14 މެޗުން 25 ޕޮއިންޓް ލިބިފައިވެއެވެ. ލީގްގެ ތިންވަނައިގައި އޮތީ 14 މެޗުން 19 ޕޮއިންޓާއެކު ކުލަބް ގްރީން ސްޓްރީޓްސް، ކުލަބް އީގަލްސްއަށް 14 މެޗުން 17 ޕޮއިންޓް ލިބިގެން ތާވަލްގެ ހަތަރު ވަނައިގައި އޮތްއިރު، 14 މެޗުން 16 ޕޮއިންޓް ލިބިގެން ދަ ގްރާންޑޭ އޮތީ ލީގް ތާވަލްގެ 5ވަނައިގައެވެ. އަދި ތާވަލްގެ 6ވަނަ ސުޕަރ ޔުނައިޓެޑަށް ލިބެނީ 14 މެޗުން 15 ޕޮއިންޓް ލިބިގެން އަދި 14 މެޗުން 13 ޕޮއިންޓް ލިބިގެން ތާވަލްގެ 7ވަނގައި އޮތީ ޓީސީ ސްޕޯޓްސް ކުލަބް އަދި ތާވަލްގެ އެންމެ ފުލުގައި 14 މެޗުން 12 ޕޮއިންޓް ލިބިގެން އޮތީ ޔުނައިޓަޑް ވިކްޓްރީއެވެ.

އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފައިވުމުން ކުރިއަށް އޮތް އޭއެފްސީ ކަޕް ޖާގަ މިހާރު ލިބޭނީ މާޒިޔާ އާއި ކުލަބް ވެލެންސިއާއެވެ. މިއަދު ކުރިއަށްދިޔަ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާރުގައި ގިނަ މެޗުތަކެއް ކުޅެފައިވުމުން، މިހާރު ވިސްނުންހުރީ ކޯވިޑް-19ގެ ހާލަތު ރަގަނޅުވުމުން، މެޗުތައް ކުޅެވޭ ވަރުވުމުން ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށެވެ. އަދި ދެވަނަ ޑިވިޝަން މުބާރާތްވެސް ކުރިއަށް ގެންދެވޭނަމަ، ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރިކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މީގެ އިތުރުން މިއަދު ކުރިއަށް ދިޔަ އަހަރީ އާންމު ޖަލްސާގައިވަނީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ދެ ކުލަބުކަމުގައިވާ ވިކްޓްރީ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ދީފައިވާ ސަސްޕެންޝަން ދަމަހައްޓަން ކުލަބްތަކުންވަނީ ތާއީދުކޮށްފައެވެ.