ޚަބަރު

އެމްއޯސީގެ ރައީސް ކަމަށް މޫސަ، އަލީ އުމަރު، ޗަންޕީ ކުރިމަތިލައިފި


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) އާއި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި އެފްއޭއެމްގެ ސީނިއަރ ނައިބު ރައީސް އަދި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަލީ އުމަރު (އައްޔަ) ކުރިމަތިލައިފިއެވެ.

ރާއްޖެއިން ފަހަކަށް އައިސް ކުޅިވަރުން ހޯދަމުންދާ ގިނަ ކާމިޔާބީތަކުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ. އަދި ނިމިގެން މިދާ އެމްއޯސީގެ ރައީސް މުހައްމަދު ޝަވީދުވަނީ އިތުރު ދައުރަކަށް ކުރިމަތިނުލައްވަން ނިންމާފައެވެ. 2017ވަނަ އަހަރު ދެވަނަ ދައުރަކަށް އެމްއޯސީގެ ރައީސްއަކަށް ޝަވީދު އިންތިޚާބްވެފައިވަނީ ރައީސްކަމަށް އެހެން ފަރާތެއް ކުރިމަތިލާފައިނުވުމާއި ގުޅިގެން، ނެގި ފެންނަ ނުފެންނަ ވޯޓް ކާމިޔާބުކޮށްގެންނެވެ. އެމްއޯސީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ މޫސާ ނާޝިދު އަންނަނީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމްވެސް ފުރުއްވަމުންނެވެ. ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރުވަނީ ފީނާގެ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޮމެޓީގައި މަސައްކަތްކޮށްފައެވެ.

ފުޓްބޯޅައިގައި މަޝްހޫރު އަލީ އުމަރުވަނީ އެފްއޭއެމްގެ އިސް ބައެއް މަގާމްތަކުގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރުކަންވެސް ކުރައްވާފައެވެ. އަދި އޭއެފްސީގެ ފުޓްސެލް އެންޑް ބީޗް ސޮކަރ ކޮމިޓީގެ މެންބަރުކަންވެސް އަލީ އުމަރު ގެންދަވަނީ ފުރުއްވަމުންނެވެ. އެމްއޯސީގެ ރައީސްއަކަށް ތިން ފަރާތަކުން ކުރިމަތިލާފައިވާއިރު، ނައިބް ރައީސްގެ މަގާމަށް ފަސް ފަރާތަކުން ކުރިމަތިލާފައިވެއެވެ. އެއީ އަލީ އުމަރު އާއި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލް އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް އާއި ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް އެވެ. ކްރިކެޓް ބޯޑްގެ ރައީސް އެމްއޯސީގެ ނައިބް ރައީސްގެ މަގާމްއަށް ކުރިމަތިލާފައިވަނީ ނޮން އޮލިމްޕިކް ސްޕޯޓްސްގެ ސްލޮޓެއްގައެވެ. އަލަށް އިންތިޚާބްކުރާ އެމްއޯސީގެ ދައުރު ހަމަވާނީ 2025ވަނަ އަހަރުއެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 10ވަނަ ދުވަހުއެވެ.