ކުޅިވަރު

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޗެލްސީ ހޯދައިފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޗެލްސީ ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ޗެލްސީ ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި މެންޗެސްޓަރ ސިޓީ އާއި ބައްދަލުކޮށް މެޗް ކާމިޔާބުކޮށްގެންނެވެ.

ޕޯޗުގަލްގެ ޕޯޓޯގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. މިއީ ޗެލްސީގެ ކޯޗް ކަމާއި ތޯމަސް ޓުޗެލް ހަވާލުވިފަހުން ޖެހިޖެހިގެން ސިޓީ ބަލިކުރި ތިންވަނަ ފަހަރެވެ. ދެޓީމްގެ ފަރާތުން ވާދަވެރި މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ސިޓީއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ޗެލްސީއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި ސިޓީ ފެނިގެންދިޔައީ ތަންކޮޅެއް ހާސްކަމުގެ ތެރޭގައި ކުޅެމުންދިޔަ ތަނެވެ. ނަމަވެސް ސިޓީއިންވެސް ދޭތެރެ ދޭތެރެއިން ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައިވެއެވެ. މިމެޗްގައި ޗެލްސީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ޖަހައިދިނީ ކައި ހަވާޓްޒްއެވެ. މިލަނޑާއެކު ޗެލްސީ ހަމަޖެހިލިއިރު ސިޓީ އިތުރު ހާސްކަމެއްގެ ތެރެއަށް ވެއްޓިގެންދިޔައެވެ. މިމެޗްގެ ދެވަނަ ހާފްގައި ސިޓީއިން ހަމަލާއަށް އިސްކަންދީގެން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ޗެލްސީއިން ޑިފެންޑް ކުރަމުންދިޔަލެއް ވަރުގަދަ ކަމުން ސިޓީއަށް މާ ރަނގަޅު ހަމަލާއެއް އުފެއްދޭ ވަރެއް ނުވިއެވެ. އަދި ސިޓީއިން ކުރަމުންދިޔަ މަސައްކަތަށް އިތުރު ހީނަރު ކަމެއް އައީ އެޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައި ކެވިން ޑި ބްރުއިނަރއަށް ޗެލްސީގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގަރ ކުރި ފައުލަކާއި ގުޅިގެން އިތުރަށް ކުޅެވޭވަރު ނުވެގެން ދަނޑުން ބާލަންޖެހުމުންނެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިވަނީ ޗެމްޕިއަންސް ލީގު ދެވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ. ޗެލްސީއިން އެންމެ ފުރަތަމަ މި މުބާރާތް ކާމިޔާބުކުރީ 2012 ވަނަ އަހަރުއެވެ. އަދި މިއީ މިދިޔަ ސީޒަންގެ ފައިނަލަށް ޕެރިސް ސެއިންޓް ޖަރމެއިން ގެންގޮސްދިން ކޯޗު ތޯމަސް ޓުޗެލް އަށް ހޯދުނު ވަރަށް ފުރިހަމަ ކާމިޔާބީއެކެވެ. އެއާޚިލާފަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށް ތިންވަނަ ފަހަރަށް މިމުބާރާތުގެ ތަށި ކާމިޔާބު ކުރުމަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. އަދި ސިޓީއަށްވެސް މިވަނީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމަށް އިތުރަށް މަޑުކުރަންޖެހިފައެވެ. އަދި މިސީޒަންގައި ޔޫރަޕްގެ ދެ ތަށި މެންޗެސްޓަރ އަށް ގެންދިއުމަށް މެންޗެސްޓަރގެ ދެކްލަބަށް ލިބިގެންދިޔަ ފުރުސަތުގައި އެދެކްލަބުންވެސް މިވަނީ ނާކާމިޔާބުވެފައެވެ.