ކުޅިވަރު

މިއީ ތަފާތު އިހްސާސެއް ކުރިވި ފައިނަލެއް: ޓުޗެލް


ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތް ޔޫއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމުން އޭނާއަށް ކުރެވެނީ މުޅިން ތަފާތު އިހްސާސެއް ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މެޗަށްފަހު ވާހަދައްކަމުން ޓުޗެލް ބުނީ ޗެލްސީއަށް މިތަށި ދެވަނަ ފަހަރު ހޯދައިދެވުނަސް އޭނާއަށް ކުރެވެނީ މުޅިން ތަފާތު އިހްސާސެއް ކަމަށެވެ. މިދިޔަ ސީޒަންގައި ޕީއެސްޖީ ގޮވައިގެން ނުކުމެ މުބާރާތުގެ އޭނާގެ އަލަތު ފައިނަލުގައި ބަޔާން އަތުން ވަނީ ބަލިވެފައެވެ. އޭނާ ބުނީ ދެވަނަ ފަހަރު ފައިނަލުގައި ނުކުމެ އޭނާ ކާމިޔާބު ވުމަކީ އުފާވެރި އިހްސާސްތަކެއް ގެނުވާކަމެއްކަމަށެވެ. ޓުޗެލް ބުނީ މިތަށްޓާ ކުލަބުން ގާތްވަމުން ދިޔަ މިންވަރު ޓީމުން މުބާރާތުގައި ކުޅުނު މެޗުތަކުން ދޭހަވިކަމަށާއި ކުޅުންތެރިންވެސް ތިބީ މި ކާމިޔާބަށް ކެތްމަދުވެފާކަމަށް ޓުޗެލް ބުންޏެވެ. ކުޅުންތެރިން ދެއްކި އާދަޔާހިލާފް މޮޅުކުޅުން އޭނާ ގަބޫލްކުރަން ދަތިކަމަށް ވެސް ހުސްވި ޖެނުއަރީ މަހު ކޯޗުކަމާ ހަވާލުވި ޓުޗެލް ބުންޏެވެ. މިއީ ވަރުގަދަށް ކުޅު ހޯދުނު ބޮޑު ކާމިޔާބެއް ކަމަށް ޓުޗެލް ވަނީ ބުނެފައެވެ.

ޗެލްސީއެކު ހޭދަ ކުރި ފުރަތަމަ ހަތަރު މަސްތެރޭގައި ޓުޗެލް ވަނީ ޗެލްސީ ޕްރިމިއާ ލީގު ގަދަ ހަތަރަކުން ޖާގަހޯދައިދީފައެވެ. އޭނާ ޓީމު ހަވާލުވިއިރު އެޓީމު އޮތީ ލީގުގެ 9 ވަނައިގައެވެ. ޓުޗެލްވަނީ ޗެލްސީއާ އެކު މި ސީޒަންގައި އިނގިރޭސި އެފްއޭކަޕް ފައިނަލުގައި ވާދަކޮށްފައެވެ.