ވިޔަފާރި

މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ބޮޑު ކެމްޕެއިނެއް


މެދުއިރުމަތީގެ ޤައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން މިކެމްޕެއިންގެ ދަށުން ވީގޯ، ސްކައި ނިއުސް އަރަބިޔާ އަދި އަލް ރައިސްއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައިވާކަމަށެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ އަންނަމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މަޝްހޫރު ޓްރެވެލް މާކެޓްޕްލޭސް ވީގޯއާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވީގޯ އަކީ މެދުއިރުމަތި، ނޯތު އެފްރިކާ، އިންޑިޔާ އަދި ސައުތު އީސްޓް އޭޝިއާގެ އެންމެ ބޮޑު އެއް ޓްރެވެލް މާކެޓްޕްލޭސްއެވެ. 100އަށް ވުރެ ގިނަ އެއާރލައިން، ހޮޓެލް އަދި ޓްރެވެލް އޭޖެންސީތައް ހިމެނޭ ޑޭޓާބޭސްއަކުން ޑީލް އަދި އޮފާރތައްއަޅައި ބެލުމުގެ ފުރުސަތު މި ޕްލެޓްފޯމްއިން ލިބެއެވެ.

މި ކެމްޕެއިންގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ވީގޯގެ ވެބްސައިޓާއި ފޯން އެޕްލިކޭޝަންގައި އިޝްތިހާރުކުރާނެއެވެ. އެގޮތުން ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން ހާމަކޮށްދީ އާޓިކަލްއަކާއި ޕުޝް ނޮޓިފިކޭޝަން އަދި ސޯޝަލް މީޑިއާ ޕޯސްޓައް ޕަބްލިޝް ކުރެވިގެންދާނެއެވެ.

މި ކެމްޕެއިންގެ ސަބަބުން 1.5 މިލިއަން އޮންލައިން އިމްޕްރެޝަން ޙާސިލްކުރެވޭނެކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ. އަދި މިއާއެކު ރާއްޖެއަށް ބުކިންގް އިތުރުކުރުމަށް މި ކެމްޕެއިނުން އަމާޒުކުރެއެވެ. މީގެ އިތުރުން މިދިޔަ އޭޕްރިލް މަހުން ފެށިގެން ސްކައި ނިއުސް އަރަބިއާއާއި ގުޅިގެން މާކެޓިން ކެމްޕެއިނެއްވެސް ވަނީ ފަށާފައެވެ. 35 މިލިއަންއަށް ވުރެ ގިނަ މީހުންނަށް ފޯރާ ސްކައި ނިއުސް އަރަބިއާއަކީ އަރަބިންގެ ތެރޭގައި އެންމެ މަގްބޫލްއެއް ޓީވީ ޗެނަލެވެ.

މި ކެމްޕެއިނުގެ ދަށުން ސްކައި ނިއުސްގައި ރާއްޖެއަށް ޙާއްސަކޮށް މައުލޫމާތު ހިއްސާކުރުމުގެ ސެގްމެންޓެއް ހަދާނެއެވެ. މީގެއިތުރުން ރޭޑިއޯ ޝޯތަކުގައި އެންމެ ގިނައިން މީހުން އަޑުއަހާ ވަގުތުތަކުގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ އިޝްތިހާރުތައް ސްކައި ނިއުސް ވެބްސައިޓްގައި ހިމަނާނެކަމަށްވެސް ވަނީ ހަމަކޮށްފައެވެ.

މި ކެމްޕެއިނަކީ މެދުއިރުމަތީގެ މާކެޓަށް އަރަބި ބަހުން ރާއްޖެ އިޝްތިހާރުކުރުމަށް ކުރިޔަށްގެންދާ ކެމްޕެއިނެކެވެ.

މީގެއިތުރުން އަލް ރައިސްއާ ގުޅިގެން ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތަކެއްވެސް ވަނީ ފަށާފައެވެ. 1997 ވަނަ އަހަރުގައި އުފެދުނު އަލް ރައިސް ޓްރެވެލް އެންޑް ޝިޕިންއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެންމެ ބޮޑު އެއް އިންޑިޕެންޑެންޓް ޓްރެވެލް އޭޖެންސީއެވެ. އަދި މި ކުންފުންޏަކީ އެ ސަރަހައްދުގައި ރާއްޖެއަށް ދަތުރު ރާވައި ފޯރުކޮށްދިނުމުގެ ވިޔަފާރި އަދާކުރާ
އެންމެ ބޮޑު އެއް ކުންފުންޏެވެ.

އަލް ރައީސް އާއި ގުޅިގެން ހިންގާ ހަރަކާތްތަކުގައި އޮންލައިން ޕްރޮމޯޝަންތަކާއި މުބާރާތްތަކާއި، ހޮލިޑޭ ޕެކޭޖްތަކުގެ އިތުރުން އެހެނިހެން މަރކެޓިންގ ހަރަކާތްތައް ހިމެނެއެވެ. ކޯވިޑް 19ގެ ސަބަބުން މިދިޔަ އަހަރު މެދުއިރުމަތީން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. 2019ވަނަ އަހަރުގެ މެދު އިރުމަތިން ރާއްޖެއަށް 60003 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 26288ގައެވެ.

ފަތުރުވެރިން އައި އަދަދު ދަށްވި ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި އެމްއެމްޕީއާރުސީން ކުރިއަށްގެންދާ މިިފަދަ މަރކެޓިންގ ހަރަކާތްތަކާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެެގެންދާނެކަމަށް އެ ކޯރޕަރޭޝަނުން ޤަބޫލްކުރެއެވެ.