މުނިފޫހިފިލުވުން

އަކްޝޭގެ "ރާމް ސޭތޫ" އަށް ދެކުނު އިންޑިއާގެ ދެ ތަރިން


ބޮލީވުޑްގެ އެންމެ ބިޒީ އެއްތަރިއަކީ އަކްޝޭ ކުމާރު ކަމުގައި ގިނަ ބަޔަކު އެއްބަސްވާނެއެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއްވެސް ލިބުނީ އަކްޝޭ އަށެވެ. އަކްޝޭ ގެ 9 ޕްރޮޖެކްޓެއްގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މާހާރަޝްތްރާ އިން ފުރަންބަންދު ނެގިހާ އަވަހަކަށް އަކްޝޭގެ އެންމެ ފުރަތަމަ މަސައްކަތަކަށް ޝެޑިއުލް ކޮށްފައި އޮތީ އަބީޝެކް ޝަރުމާގެ "ރާމް ސޭތޫ" ގެ މަސައްކަތެވެ.

ވިކްރަމް މަލޯތްރާ ޕްރޮޑިއުސްކުރާ މި ފިލްމުގައި އަކްޝޭގެ އިތުރުން ލީޑް ރޯލުން ދެން ފެނިގެންދާނީ ނުޝްރަތު ބަރުއްޗާ އާއި ޖެކްލިން ފެނާންޑެޒް އެވެ. މީގެ އިތުރުން ދެކުނު އިންޑިއާގެ ދެ ތަރިން ކަމުގައިވާ އަދި ބައެއް ހިންދީ ފިލްމުތަކުންވެސް ފެނިފައިވާ ނަސާރު އަދި އަރަމުން އަންނަ ތަރި ސަތޭޔަދޭވްވެސް ފިލްމުގެ މުހިންމު ރޯލްތަކުން ފެނިގެންދާނެކަމަށް ޚަބަރުތައް ބުނެއެވެ.

މި ދެތަރިންވެސް މިހާރު ވަނީ ފިލްމުގައި މަސައްކަތް ކުރުމަށް ސޮއިކޮށްފައެވެ. އަދި އަކްޝޭ އާއެކު ފިލްމުގެ ޝޫޓިންތައް ވަރަށް އަވަހަށް ފަށާނެކަމުގައިވެސް ޚަބަރުތައް ބުނެއެވެ. ނަސާރު ވަނީ މީގެ ކުރިންވެސް 2012 ވަނަ އަހަރު ދެއްކި އެކްޝަން ކޮމެޑީ ފިލްމު "ރައުޑީ ރާތޯޑު" ގައިވެސް މަސައްކަތް ކޮށްފައެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ނުބައިބައި ބޮޑު މީހާގެ ރޯލެވެ.

ފިލްމު "ރާމް ސޭތޫ" ގައި އަކްޝޭ ފެނިގެންދާނީ އާކިއޮލޮޖިސްޓެއްގެ ރޯލުންނެވެ. އިންޑިއާގެ އިތުރުން ސްރީލަންކާގައިވެސް މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ މި ފިލްމުގައި ވިޝުއަލް އިފެކްޓްސް ހިމަނަން ޖެހޭތީ ޕޯސްޓް ޕްރޮޑަކްޝަންއަށްވެސް ވަގުތު ނަގާނެކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި އަންނަ އަހަރު ދިވާލީއަށް ފިލްމު ރިލީޒް ކުރެވޭތޯ މަސައްކަތް ކުރާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

"ރާމް ސޭތޫ" ގެ އިތުރުން އަކްޝޭގެ ކުރިއަށްއޮތް 16 މަސްދުވަހަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސޫރަވަންޝީ" "ބެލް ބޮޓަމް" "އަތްރަންގީ ރޭ" "ޕްރިތްވީ ރާޖް" "ރަކްޝާ ބަންދަން" އަދި "ބައްޗަން ޕާންޑޭ" ހިމެނެއެވެ. މީގެ އިތުރުންވެސް އަކްޝޭގެ އިތުރު އެހެން ޕްރޮޖެކްޓްތައް އަދި ކުރިއަށް އެބަޮއޮތެވެ.