މުނިފޫހިފިލުވުން

ފްރެންޑްސް ރީޔޫނިއަންގެ ތަރިންނަށް ބޮޑު އަގެއް


މިހާތަނަށް އެންމެ ބޮޑު މަޤުބޫލު ކަމެއް ހޯދި އެމެރިކާގެ ސިޓްކޮމްގެ ޝަރަފު ހޯދި "ފްރެންޑްސް" ގެ އައު އެޕިސޯޑެއް އެތައް އަހަރެއް ފަހުން ކުރީގެ ކާސްޓުންނާ އެކު 'ފްރެންޑްސް ރީޔޫނިއަން' ގެ ނަމުގައި މިމަހުގެ 27 ވަނަ ދުވަހު މިވަނީ އެޗްބީއޯ މެކްސްއިން ސްޓްރީމް ކުރަން ފަށާފައެވެ.

މި އައު އެޕިސޯޑްގައިވެސް މައިގަނޑު ކާސްޓުންގެ ގޮތުގައި "ފްރެންޑްސް" އިން ފެނިގެންދިޔަ ޖެނިފާ އެނިސްޓަން، ލީސާ ކުޑްރޯ، ކޯޓްނީ ކޮޒް، މެޓް ލީ ބްލޭންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ ފެނިގެންދެއެވެ. މިތަރިންނާ އެކު ގެސްޓް ފަންނާނުންގެ ގޮތުގައި ލޭޑީ ގާގާ، ޖަސްޓިން ބީބާ، ޑޭވިޑް ބެކަމް، ކިޓް ހެރިންޓަން އަދި މަލާލާ ޔޫސުފް ޒާއީ ފަދަ މަޝްހޫރު މީސްމީހުން ވެސް ފެނިގެންދެއެވެ.

މުނިފޫހިފިލުވާ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓްތައް ބުނާގޮތުން އައު އެޕިސޯޑްގެ ތަރިންނަށް ވަނީ ވަރަށް ބޮޑު އަގެއް ދީފައެވެ. މިގޮތުން ބައެއް މީޑިއާތަކުން ބުނީ މި އެޕިސޯޑަށް ކޮންމެ ތަރިއަކަށް 2.5 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އަދި ތަރިއަކަށް 3 ނުވަތަ 4 މިލިއަން ޑޮލަރު ދީފައިވާކަމަށްވެސް ބައެއް މީޑިއާތައް ބުނެއެވެ.

ޕްރެންޑްސްގެ އެންމެ މަޝްހޫރު ތަރި ޖެނިފަރ އެނިސްޓަންއަކީ ޓީވީ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އަގެއް ލިބޭ އެއް ސްޓާރެވެ. އެޕަލް ޓީވީއިން ގެނެސްދިން "ގުޑް މޯރނިންގ އެމެރިކާ" ޝޯ އިން ވެސް ކޮންމެ އެޕިސޯޑަކަށް 2 މިލިއަން ޑޮލަރު ޖެނިފަރ އަށް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

"ދަ ވަން ވެއަ ދޭ ގެޓް ބެކް" ގެ ނަންވެސް ދިފައިވާ މި އައު އެޕިސޯޑް މިދިޔަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވީނަމަވެސް ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ރިލީޒްކުރުން ފަސްކޮށް މި މަހުގެ 27 މިހާރު ވަނީ ރިލީޒް ކޮށްފައެވެ.

1994 ން ފެށިގެން އެންބީސީން ދައްކަމުންދިޔަ "ފްރެންޑްސް" ޝޯ ނިންމާލީ 10 ސީޒަނަށްފަހު 2004 ވަނަ އަހަރުއެވެ.