ކުޅިވަރު

ވެލެންސިޔާ ބަލިކޮށް ޓީސީ ލީގުގެ އެއްވަނައަށް




     ވެލެންސިޔާ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއަރ ލީގު
ތާވަލްގެ އެއްވަނައަށް ޓީސީ ޖެހިލައިފިއެވެ. މިއަދު ހަވީރު  ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މިމެޗް ޓީސީ
ސްޕޯޓްސް ކާމިޔާބުކުރީ ދެލަނޑު ސުންލަނޑުންނެވެ.

މެޗްގެ ފުރަތަމަ ހާފް ލަނޑެއް ނުޖެހި
ނިމުނުއިރު، ޓީސީގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ
ކެޕްޓަން ޔާމީނެވެ. މެޗްގައި ޓީސީއަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ
ގޮތުގައި ކުޅެން ނިކުތް ނިޒާމެވެ. 24 ޕޮއިންޓާއެކު ޓީސީ އެއްވަނައަށް
ޖެހިލިއިރު، 23 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައިވާ ނިއުރޭޑިއެންޓް މިރޭ
ނިކުންނާނީ ބީޖީއާ ދެކޮޅަށެވެ.

މެޗަށްފަހު ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ
މެޗްގައި ޓީސީގެ ފަރާތުް ފެނިގެންދިޔައީ އާދައިގެ ކުޅުމެއް ކަމަށެވެ. ތާވަލްގެ އެއްވަނައަށް
ޖެހިލުމުން ޓީސީއަށް ލީގު ހޯދުމަށް އަމިއްލަ ބާރު ލިބިއްޖެ ކަމަށާއި، ޓީސީއިން
މެޗަކަށްފަހު މެޗެއް ނަގާނީ ލީގު ހޯދުމުގެ އަޒުމުގައި ކަމަށް ނިޒާމް ބުންޏެވެ.

" ވަގުތީ ގޮތުން އެއްވަަނައަށް ޖެހިލި ނަމަވެސް ޓީސީއަށް އަމިއްލަ ބާރު އެބައޮތް. ޓީސީ އިން ނިކުންނާނީ އެހެން ޓީމްތަކުގެ ނަތީޖާއަށް ނުބަލާ މެޗަކަށް ފަހު މެޗެއް ނެގުމަށް." ނިޒާމް ބުންޏެވެ.


ވެލެންސިޔާގެ މެނޭޖަރ އަބްދުﷲ ޝިބާޢު ބުނީ މިމެޗަކީ ވެލެންސިޔާއަށް ޕޮއިންޓެއް
ހައްޤު މެޗެއް ކަމަށެވެ.