ޚަބަރު

ކޯވިޑް-19ގެ އަސްލު ހޯދުމުގެ ދިރާސާތައް އަލުން މުރާޖަޢާކުރަން ބައިޑަން އަންގަވައިފި


ކޯވިޑް-19ގެ އަސްލު ދެނެގަތުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަންގަވައިފިއެވެ.

2019ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ކޯވިޑް-19 ފެނުނު ފަހުން ދުނިޔޭގެ ހުރިހާ ސަރަޙައްދުތަކަށްވަނީ އެ ބަލި ފެތުރި 169 މިލިޔަނަށްވުރެ ގިނަ މީހުންނަށް އެ ބަލިޖެހިފައެވެ. އެ ބަލީގައި މިހާތަނަށް 3.5 މިލިޔަނަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ކޯވިޑް-19ގެ އަސްލާ ގުޅޭގޮތުން ބައިޑަން ވިދާޅުވީ އެ ޤައުމުގެ ޖާސޫސީ އިދާރާތަކުން ބަލީގެ އަސްލު ދެނެގަތުމަށް ކުރި މަސައްކަތުގެ ދަށުން ބަލިފެތުރެން މެދުވެރިވިކަމަށް ބެލެވޭ މައިގަނޑު 2 ސަބަބެއް ތަހުޤީޤުކުރަމުންދާކަމަށެވެ. ޖާސޫސީ އިދާރާތަކުން ބުރަވަނީ ބަލިފެތުރުނީ ޖަނަވާރުންގެ ޒަރިއްޔާއިން ނުވަތަ ލެބޯޓުރީއަކުންކަމަށް ބައިޑަން ވިދާޅުވިއެވެ. ނަމަވެސް އޭގެ ތެރެއިން ބަލީގެ އަސްލަކީ ކޮބައިކަން މިހާތަނަށް ޔަޤީންނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯގެ ތަޙްޤީޤީ ވަފުދުން ޗައިނާއަށް ކުރި ދަތުރަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އިންސާނުންނަށް ކޯވިޑް-19 ޖެހުނީ ޖަނަވާރުންގެ ޒަރިއްޔާއިންކަމަށް ބުރަވެވޭކަމަށެވެ. އަދި ބަލިމަޑުކަން ފެތުރެން މެދުވެރިވީ ލެބޯޓުރީއަކުންކަމަށް ނުބެލެވޭކަމަށް އެ ވަފުދުންވަނީ ބުނެފައެވެ. އެމެރިކާއިންވަނީ ޑަބުލިޔުއެޗުއޯގެ ތަހުޤީޤުގެ ދެވަނަ ބާބެއް ފެށުމަށް އެ އިދާރާއަށް ގޮވައިލައިފައެވެ.

ބަލިމަޑުކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ތަހުޤީޤުތަކަށް ޗައިނާއިން އެއްބާރުލުން ނުދޭކަމަށް ބުނެ ފާއިތުވި ހަފުތާތަކުގައި އެމެރިކާއިންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. ބައިޑަން ވިދާޅުވީ ބަލިމަޑުކަމާބެހޭ މަޢުލޫމާތު އެއްކޮށް އެ މަޢުލޫމާތުތައް އަލުން ދިރާސާކުރުމަށް ކަމާބެހޭ އިދާރާތަކަށް އޭނާ އަންގަވާފައިވާކަމަށެވެ. އަދި 90 ދުވަހުގެ ތެރޭގައި އެ އިދާރާތަކުގެ ހޯދުންތައް ޙިއްޞާކުރުމަށް އަންގަވާފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް ޗައިނާއާ ގުޅޭ ސުވާލުތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އަންގަވާފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގައި ހުންނަ ޗައިނާގެ އެންބަސީން ބުނީ މައްސަލަ ސިޔާސީކުރާނަމަ ބަލީގެ އަސްލު ދެނެގަތުމަށް ހުރަސްއެޅޭނެކަމަށެވެ. އަދި ދުނިޔޭގެ އެކި ސަރަޙައްދުތަކުން އެންމެ ފުރަތަމަ ފެނުނު ބަލިޖެހުނު މީހުންގެ މަޢުލޫމާތުތައް ފުރިހަމައަށް ދިރާސާކުރުމަށް އެ ޤައުމުން ތާޢީދުކުރާކަމަށާއި އެކި ސަރަޙައްދުތަކުގައި ހުންނަ ސިއްރު މަރުކަޒުތަކާއި ލެބޯޓުރީތައް ތަޙްޤީޤުކުރުމަށްވެސް ތާޢީދުކުރާކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.