ވިޔަފާރި

އާދިއްތަ ދުވަހުން ފެށިގެން ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރުތަކުން ކާޑު ދޫކުރާނެ


އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ސެންޓަރ މެދުވެރިކޮށް ކޭޝް ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމައަށް ކަސްޓަމަރ ސަރވިސް ސެންޓަރު މެދުވެރިކޮށް ކާޑު ދޫކުރާނެކަމަށެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދެމުންދާނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަން އަށްކަމަށެވެ. ޓޯކަން ދޫކުރާނީވެސް ވަކި އަދަދެއްގެ ކަސްޓަމަރުންނަށްކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓޯކަން އާއެކު ޕޮލިސް ޕަރމިޓް އޮންނަ ކަސްޓަމަރުންނަށެވެ.

ކާޑު ނެންގެވުމަށް ކަސްޓަމަރ ސަރވިސް ސެންޓަރަށް ވަޑައިގަންނަވާއިރު މާސްކު އެޅުމާއި، ކަސްޓަމަރ ސަރވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމާއި އަމިއްލަ ގަލަން ގެނައުމުގެ އިތުރުން ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.

ކޮވިޑް-19ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ ބޭފުޅުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުން ކާޑު ނެންގެވުމަށް ބޭންކަށް ވަޑައިގަންނަވަން ނުޖެހޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ކާޑު ހަވާލުކުރުމަށް އެދޭ ކަސްޓަމަރުން ބޭންކަށް ގުޅުއްވުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.