ޚަބަރު

ޣައްޒާއަށް ލިބޭ އެއްވެސް އެހީއެއްގައި ނުޖެހޭނެކަމަށް ޙަމާސުން ބުނެފި


އިސްރާއީލުން ދިން ޢުދުވާނީ ޙަމަލާތަކުގައި ސުންނާފަތިވެފައިވާ ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތުކުރުމަށް ލިބޭ އެއްވެސް އެހީއެއްގައި ނުޖެހޭނެކަމަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނެފިއެވެ.

މެއި މަހުގެ 10ން 21އަށް އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުންވަނީ ޣައްޒާއަށް ވަރުގަދަ ޢުދުވާނީ ޙަމަލާތަކެއް ދީފައެވެ. އެގޮތުން މީހުންގެ ގެދޮރަށާއި ޞިއްޙީ މަރުކަޒުތަކަށާއި މަދަރުސާތަކަށާއި ވިޔަފާރިތަކަށާއި ކާރުޚާނާތަކަށް ޔަހޫދީންވަނީ ޙަމަލާތައް އަމާޒުކޮށްފައެވެ. އެ ޙަމަލާތަކުގައި ޣައްޒާގެ ޢުމްރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން 250އަށްވުރެ ގިނަ މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އަދި 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.

ޙަމާސުން ބުނީ ޣައްޒާ އަލުން އާރާސްތުކުރުމަށް ޤައުމުތަކުން ދޭން ނިންމައި ކޮންމެ އެހީތެރިކަމަކަށް މަރުޙަބާ ކިޔާނެކަމަށާއި އެހީގެ ގޮތުގައި ލިބޭ ފައިސާ ޚަރަދުކުރާނީ ޣައްޒާ އަލުން އާރާސްތުކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށެވެ. އަދި އެ ފައިސާ ބޭނުންކުރާނީ ދެފުށް ފެންނަ ގޮތަކަށްކަމަށްވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ.

ޙަމާސުން އެހެން ބުނެފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާ ބައްދަކުރައްވައި އެމެރިކާއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށާއި ޣައްޒާ އާރާސްތުކުރުމުގައި މުހިންމު ދަޢުރެއް އަދާކުރާނެކަމުގެ ޔަޤީންކަން ދެއްވައިފައިވަނިކޮށެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދޭން ކަނޑައަޅައި އެހީތެރިކަމުގެ ފައިދާ ޙަމާސަށް ނުހޯދޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ޙަމާސާއެކު މަސައްކަތް ނުކުރާނެކަމަށާއި އެ ޤައުމުން މުޢާމަލާތުކުރާނީ ހުޅަނގު އައްސޭރީގައި އޮންނަ ޢައްބާސްގެ ސަރުކާރާއެކުކަމަށް އެމެރިކާއިންވަނީ ބުނެފައެވެ.

ފަލަސްޠީނަށް އެހީގެ ގޮތުގައި އިތުރު 75 މިލިޔަން އެމެރިކާ ޑޮލަރު ދޭން ނިންމާފައިވާކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. އަދި މިހާރުން މިހާރަށް ޣައްޒާއަށް އެހީތެރިވުމަށް 5.5 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖެއްސުމަށާއި ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޤާއިމުކޮށްފައިވާ އދގެ އިދާރާއަށް 32 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އެމެރިކާއިންވަނީ ނިންމައިފައެވެ.

ޙަމާސުން ބުނީ އެމެރިކާގެ މަޤްޞަދަކީ އެ ޖަމާޢަތާއި ޢައްބާސްގެ ސަރުކާރާ ދެމެދު އޮންނަ ތަފާތުތައް އިތުރުކޮށް މައްސަލަ އުފެއްދުންކަމަށެވެ. ނަމަވެސް ދެ ބައިގެ ދެމެދުގައި އޮންނަ ގުޅުމަށް އޭގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމަށް އެ ޖަމާޢަތުން ބުނެއެވެ. އަދި ޙަމާސްގެ ވަޞީލަތްތައް ތަރައްޤީކުރުމަށް ބޭނުންކުރަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ޣައްޒާއަށް ދެމުންދާ އެހީތެރިކަން ނޫންކަމަށާއި އީރާނާއި ބައެއް ޢަރަބި ޤައުމުތަކުން ލިބޭ އެހީތެރިކަން ފުދޭކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބުވެސްވަނީ ޣައްޒާއަށް އެހީތެރިވުމަށް އެ ޤައުމުން 4.5 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ޣައްޒާ އާރާސްތުކުރުމަށް ޤަޠަރުންވަނީ 500 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމައިފައެވެ. އަދި މިޞްރުންވެސްވަނީ ހަމަ އެ ޢަދަދަށް ފައިސާ ޚަރަދުކުރާނެކަމަށް ބުނެފައެވެ. ވިލާތުގެ އިއްތިޙާދުން ފަލަސްޠީނަށް ފޯރުކޮށްދޭ އިންސާނީ އެހީތެރިކަންވެސްވަނީ އިތުރުކޮށްފައެވެ.