އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓަރ މިލާންގެ ކޯޗް ކަމުން އެންޓޯނިއޯ ކޮންޓޭ ވަކިވެއްޖެއެވެ. އިންޓަރގެ ކޯޗް ކަމުން ކޮންޓޭ މިވަކިވީ ސެރީއާގެ ޗެމްޕިއަންކަން އެޓީމަށް ކާމިޔާބުކޮށްދިންތާ ތިން ހަފްތާ ވީ ތަނާއެވެ.
އިންޓަރއަށް މިފަހަރު ސެރީއާ ކާމިޔާބު މިކުރެވުނީ އެގާރަ އަހަރުގެ ދިގު މުއްދަތަކަށްފަހުއެވެ. އުމުރުން 51 އަހަރުގެ ކޮންޓޭ މަގާމުން ދުރުވީ އިންޓަރގައި ދެ އަހަރު ހޭދަކުރުމަށްފަހުއެވެ. އަދި އިންޓަރއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ބާކީ އެއްއަހަރު އޮށްވައެވެ. އިންޓަރއަށް ސެރީއާ މިފަހަރު ކާމިޔާބުކޮށްދިން ނަމަވެސް ކޮންޓޭ އެމަގާމުން ދުރައް ހިނގައިދާނެކަމުގެ އަޑު ފެތުރޭތާ މިހާރު ދެތިންމަހެއްވެއްޖެއެވެ. އިންޓަރއިން ނެރުނު ބަޔާނެއްގައި އެކްލަބުންވަނީ ކޮންޓޭ އިންޓަރއަށް ކޮންދިން އަގުހުރި ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. ރެއާލް މެޑްރިޑްގެ ކޯޗުކަމުން ޒައިނުއްދީން ޒިދާން ވަކިވާން އުޅޭ ކަމުގެ ހަބަރު ފެތުރުމާއެކު އެމަގާމަށް ކޮންޓޭ ހިނގައިދާނެކަމަށް ބައެއް މީޑިއާތަކުންވަނީ ހާމަކޮށްފައެވެ. އަދި ޓޮޓްނަމް ހޮޓްސްޕަރގެ މަގާމަށް އޭނާ ހިނގައިދާނެކަމުގެ އަޑުތަށްވެސް ފެތުރިފައިވެއެވެ.
އިންޓަރގެ ޗައިނާ އޯނަރުންނަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އިންޓަރގެ މުހިންމު ބައެއް ކުޅުންތެރިން ވިއްކާލާ ކްލަބްގެ ހަރަދުތައް ކުޑަކުރަންޖެހޭނެކަމަށްވަނީ ބެލެވިފައެވެ. އެހެން ކަމުން މިއީވެސް ކޮންޓޭ ޓީމުން ވަކިވި ސަބަބެއްކަމުގައިވުން އެކަށީގެންވެއެވެ. އިންޓަރގެ ކޯޗްކަމާއި ދެން ހަވާލުވާނެކަމަށް އިޓަލީގެ ނޫސްތަކުން ބޮޑަށް ބުރަވަނީ ޔުވެންޓަސްގެ ކުރީގެ ކޯޗް މަސިމިލިއާނޯ އެލެގްރީ އާއި ލާޒިއޯގެ މިހާރުގެ ކޯޗް ސިމޯނޭ އިންޒާގީއެވެ.
ކޮންޓޭ އިންޓަރހެ ކޯޗްކަމާއި ހަވާލުވުމުގެ ކުރީ ސީޒަންގައި ޔުވެންޓަސް އާއި ދެމެދުގައިވާ ފަރަގު 21 ޕޮއިންޓްގައި ހުރި ނަމަވެސް ކޮންތޭ ހަވާލުވި ސީޒަންގައި ޓީމަށް ގެނައި މުހިންމު ކުޅުންތެރިންނާއި އެކު ސީޒަން ނިންމާލި އިރު ޔުވެންޓަސް އާއި ދެމެދުގައި ހުރީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. އަދި އެސީޒަންގައި ޔޫރޮޕާ ލީގުގެ ފައިނަލަށްވެސް ދަތުރުކޮށްފައިވެއެވެ. އަދި މިސީޒަންގައި އިންޓަރއިން ވަނީ 91 ޕޮއިންޓާއެކު 19 ވަނަ ފަހަރަށް އިޓާލިއަން ސެރީއާ ކާމިޔާބުކޮށްފައެވެ.