ކުޅިވަރު

ފްރެންޗް އޯޕަންގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭން ނުވިސްނަން: އޮސާކާ


މިމަހުގެ 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ނޫސްވެރިންގެ ފަރާތުން ސުވާލުތަށް ނަގަން ގަސްދު ނުކުރާކަމަށް ޖަޕާންގެ ނައޯމީ އޮސާކާ ހާމަކޮށްފިއެވެ. އޮސާކާ ބުނީ މުބާރާތް ތެރޭގައި ނޫސްވެރިން ކުރާ ސުވާލުތަކުގެ ސަބަބުން މުބާރާތުގައި ވާދަ ކުރާ ކުޅުންތެރިންނަށް ނަފްސާނީ ގޮތުން އަސަރު ކުރާ ކަމަށެވެ.

ގްރޭން ސްލޭމް ހަތަރު މުބާރާތް ކާމިޔާބުކޮށްފައިވާ އޮސާކާ ބުނީ މެޗަކުން ބަލިވާ ކުޅުންތެރިޔާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިނުން އޭނާއަށް ސިފަވަނީ ވެއްޓިފައިވާ މީހެއްގެ ގައިތާ ތެޅުން ކަހަލަ ކަމެއްގެ ގޮތުގައެވެ. ދުނިޔޭގައި ދެވަނައަށް ރޭންކް ކުރެވިފައިވާ ނައޯމީ ބުނީ އޭނާއަށް ގިނަފަހަރު ހީވާގޮތުގައި އެތްލީޓުންނަށް ނަފްސާނީ ގޮތުން ކުރާ އަސަރުތަކަށް މީހުން އެއްވެސް ވަރަކަށް ވިސްނަން ބޭނުން ނުވާކަމަށެވެ. އަދި މިކަން ވަރަށް ގިނައިން ނޫސްވެރިންގެ ބައްދަލުވުންތަކުން ފެންނަކަމަށް އޭނާ ހާމަކުރިއެވެ. އަދި މެޗަކުން ބަލިވުމަށްފަހު ކުޅުންތެރިޔާ އިތުރަށް ބަލިކަށިވެ އަމިއްލައަށް އޮންނަ އިތުބާރު ގެއްލުވާލާ ފަދަ ސުވާލުތައް ހުންނަ ކަމަށާއި އެހެން ކަމުން އެހެން ވާން ބޭނުން ނުވާކަމަށެވެ. އަދި މިއީ އެއްވެސް ގޮތަކަށް ވަކިބަޔަކަށް އަމާޒުކޮށް ކުރާ ކަމެއް ނޫން ކަމަށާއި މިހެން ކަން ކުރުމުގެ ސަބަބުން މުބާރާތް އިންތިޒާމް ކުރާ ފަރާތުން ކުރާ ޖޫރިމަނާއެއް ދައްކަން އޭނާ ހުރީ ތައްޔާރަށްކަމަށްވެސް އޮސާކާ ބުންޏެވެ. އޮސާކާއަކީ އަބަދުވެސް ވަރަށް ބޮޑަށް މީހުންގެ ހައްގުގައި ވަކާލާތު ކުރާކަން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.