ވިޔަފާރި

ކޯވިޑްގެ ކޭސްތައް އިތުރުވާތީ ބޭންކުތަކުގެ ޚިދުމަތްތަކަށް ބަދަލުތަކެއް!


މާލެ ސަރަހައްދުގައި އިޢުލާންކޮށްފައިވާ ކާފިއުއާއި ގުޅިގެން ބޭންކުތަކުން ޚިދުމަތްދޭ ވަގުތުތަކަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ޚިދުމަތްދޭ ގޮތަށް ގެނައި ބަދަލާއިއެކު މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް (ކަސްޓަމަރ ސަރވިސް ސެންޓަރ ހިމެނޭހެން) ބަންދުވާނެއެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށެވެ. މި މުއްދަތުގައި ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިންގ ހިދުމަތް ހޯދުމަށާއި އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރެއްވުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންގެ ތެރެއިން ހުއްދަ ލިބިފައިވާ ފަރާތްތަކަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެކަމަށެވެ. މި ގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެއެވެ.

ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހުކުރު ހޮނިހިރު ފިޔަވައި ހަފްތާ ދުވަސްތަކުގައި އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމްއަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނެއެވެ. އަދި އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

އިސްލާމިކް ބޭންކުން ޚިދުމަތްދޭ ގޮތަށް ބަލާއިރު މިއަދުން ފެށިގެން އެ ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތަކުން ޚިދުމަތް ލިބޭނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. ޚިދުމަތް ހޯދަން އައުމުގެ ކުރިން "ކިޔުބީ" އެޕް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދަން ޖެހެއެވެ. އޮންލައިންކޮށް ހޯދެންހުރި ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިސްލާމިކް ބޭންކުންވެސް ވަނީ ކަސްޓަމަރުންނަށް ބާރުއަޅާފައެވެ.

އިސްލާމިކް ބެންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތަކުން ފޯރުކޮށްދެނީ އޮންލައިންކޮށް ލިބެން ނުހުންނަ ޚިދުމަތްތަކެވެ. އޭގެތެރޭގައި ޑޮލަރު ޖަމާކުރުމާއި، ވިޔަފާރިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރުން ފަދަ ޚިދުމަތައް ހިމެނެއެވެ.

މާލެ ސަރަހައްދުގައި ކޯވިޑް19ގެ ހާލަތު ގޯސްވުމާއި ގުޅިގެން އެމްއެމްއޭއާއި ބޭންކުތައް ހުޅުވައި ޚިދުމަތްދޭ ދުވަސްތަކުގެ އަދަދު އެމްއެމްއޭއިން ވަނީ 3 ދުވަހަށް ހަދާފައެވެ. އެއީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.