ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަމުގެ މައުލޫމާތު ޓޫރިޒަމް ރިކަވަރީ ސަމިޓްގައި ހިއްސާކޮށްފި


ސައުދީ އަރަބިއާގެ ވެރިރަށް، ރިޔާދުގައި ބޭއްވި ޓޫރިޒަމް ރިކަވަރީ ސަމިޓްގައި ރާއްޖޭގެ ފަތުުރުވެރިކަމާއި ބެހޭ މައުލޫމާތު ހިއްސާކޮށްފިއެވެ.

ކޯވިޑް19އާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ފަތުރުވެރިކަން އަލުން ފަށައިގަންނައިރު ދެމެހެއްޓެނެވިގޮތަކަށް ފަތުރުވެރިކަން ކުރިއެރުވުމުގެ މުހިންމުކަމަށް މަޝްވަރާކުރުމަށް ބާއްވާ ޓޫރިޒަމް ރިކަވަރީ ސަމިޓް ފެށުމުގެ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ މަޢުސޫމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކޯވިޑް19އާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް ރުޖޫޢަވަމުންދާކަމަށް ވިދާޅުވިއެވެ.

މިކަމުގެ ސިއްރަކީ އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއި، ރައްޔިތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އަދި ޓޫރިސްޓުންގެ ސަލާމަތާ ރައްކާތެރިކަމަށް ސަރުކާރާއި އިންޑަސްޓްރީން ދޭ އަހަންމިއްޔަތުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުނިޔެއަށް ކޯވިޑް19ގެ ވެކްސިނެއް ތަޢާރުފުނުވެ ދިޔަ މުއްދަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ސިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް ރަނގަޅު ގައިޑްލައިންތަކެއް ހަދާ އެއަށް ޢަމަލުކުރަމުން ދިއުންކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޓޫރިސްޓް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %60 މުވައްޒަފުން ކޯވިޑް19ގެ ވެކްސިން ފުރިހަމަކޮށްފައިވާތީ ރާއްޖެއަކީ ދަތުރު ކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލުކަމުގައި މިނިސްޓަރ މަޢުޞޫމް ވިދާޅުވިއެވެ.

މި ސަމިޓުގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލޮލިކަޝްވިލީ އާއި ސައުދީ އެރެބިއާގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަލްޚަތީބް އާއި ސައުދީ އެރެބިއާގެ އެސިސްޓެންޓް މިނިސްޓަރ ފޮރ އެގްޒެކެޓިވް އެފެއާޒް އެންޑް ސްޓްރެޓެޖީ، މިނިސްޓްރީ އޮފް ޓޫރިޒަމް، ޕްރިންސަސް ހައިފާ ބިންތް މުޙައްމަދު އަލް ސަޢުދުގެ އިތުރުން ދުނިޔޭގެ އެހެނިހެން ޤައުމުތަކުންވެސް ޓޫރިޒަމް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.

ސަމިޓް ހިނގަމުންދާއިރު ޙަވާސާގައި މީޑިއާތަކުގެ އިތުރުން އެކި ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ފަތުރުވެރިކަމާގުޅޭ ޖަމިއްޔާތަކުގެ އިސް ބޭފުޅުންނާ މިނިސްޓަރ މަޢުސޫމް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް ސައުދީ އަރަބިއާގައި ހުޅުވުމަށް ހަމަޖެހިފައިވާ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ފުރަތަމަ ރީޖަނަލް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. މަޢުސޫމް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.