މުނިފޫހިފިލުވުން

އަތްލީގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިނަށް ޝާހު ތައްޔާރު


އާނަންދު އެލް ރާއީގެ ފިލްމު "ޒީރޯ" އަށްފަހު ބޮލީވުޑް ސުޕަސްޓާރ ޝާހުރުކް ޚާން ސްކްރީނުން ނުފެންނަތާ މިހާރު ގާތްގަޑަކަށް ތިން އަހަރު ވަނީ ވެފައެވެ. ޝާހު މި ވަގުތު މަސައްކަތް ކުރަމުންދަނީ ދީޕިކާ ޕަޑްކޯން އަދި ޖޯން އަބްރަހަމް އާއެކު ސިދާތް އާނަންދުގެ އެކްޝަން ތްރިލަރ ފިލްމު "ޕަތާންގ" ގައެވެ. މީގެ އިތުރުންވެސް ޝާހުގެ އެހެން ދެ ބޮޑު ޕްރޮޖެކްޓެއް އެބަ އޮތް ކަމަށް ޚަބަރުތައް ބުނެއެވެ.

އެއް ޕްރޮޖެކްޓަކީ އަދިވެސް މުޅިން ފައިނަލް ނުވާ ޑައިރެކްޓަރ ރާޖް ކުމާރު ހިރާނީގެ ޕްރޮޖެކްޓެކެވެ. އަނެއް ޕްރޮޖެކްޓަކީ ތަމަޅަ ޑައިރެކްޓަރ އަތްލީ ކުމާރުގެ ޕްރޮޖެކްޓެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން އަތްލީ ވަނީ އިންޑިއާ ފުރަބަންދު ކުރުމުގެ ކުރިން ޗެންނާއީ އިން މުމްބާއީއަށް ގޮސް ފައިނަލް ނެރޭޝަން ޝާހުއަށް ހުށަހަޅާފައިކަމަށާއި އަދި ޝާހު ފިލްމު ކުޅުމަށް އެއްބަސްވެފައިކަމަށްވެސް މީޑިއާތަކުން ބުނެއެވެ. މީގެއިތުރުން ފިލްމުގެ ޝޫޓިން މިއަހަރު ފަހުކޮޅޫ ފަށާނެކަމަށްވެސް ވަނީ ބުނެފައެވެ.

2019 ވަނަ އަހަރު ނެރުނު ފިލްމު "ލަޔަން ކިންގް" އަޑު ޑަބްކުރުމަށްފަހު ޝާހު އަދި އެއްވެސް ފިލްމަކުން ފެނިގެން ގޮސްފައެއް ނުވެއެވެ. ޝާހުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޖޫން މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ރޮކެޓްރައި ދަ ނަމްބީ އިފެކްޓް" އަޝޫތޯޝް ގޮވަރިކާ ޑައިރެކްޓް ކުރާ ފިލްމު "އޮޕަރޭޝަން ކޫކްރީ" ފަރްހާން އަޚްތަރު ޑައިރެކްޓްކުރާ ފިލްމު "ޑޮން 3" މަނީޝް ޝަރުމާ ޑައިރެކްޓް ކުރާ ފިލްމު "ޑޮން 4" އަންނަ ޑިސެމްބަރު މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ބްރަމަސްތްރާ" ސިދާތް އާނަންދް ޑައިރެކްޓްކުރާ ފިލްމު "ޕަތާންގް" އިތުރުން ޑައިރެކްޓަރ ކަރަން ޖޯހަރާއިއެކު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު ހިމެނެއެވެ.