މުނިފޫހިފިލުވުން

އަލޫކާކިކް ދެސާއީގެ "ސީތާ" އިން ރަންވީރު


ސްކްރީނަށް ގެންނަން ވަރަށް ގިނަ ޕްރޮޑިއުސަރުން ބޭނުންވެފައިވާ އެއް ފިލްމު މިހާރު ދަނީ ސިނަމާތަކަށް އައުމަށް ތައްޔާރުވަމުންނެވެ. އިންޑިއާގެ މަޝްހޫރު އެޕިކް ސްޓޯރީ "ރާމަޔާނާ"ގެ މައްޗަށް ހަދާ ދެ ފިލްމު އަންނަ އަހަރު ބެލުންތެރިންނަށް ފެނިގެންދާނެކަމަށް މިހާރު މިވަނީ ބެލެވެން ފަށާފައެވެ. މީގެތެރެއިން އެއް ފިލްމަކީ އޯމް ރާތޫ ޑައިރެކްޓްކޮށް ސައިފް އަލީ ޚާން، ޕްރަބާސް އަދި ކްރިތީ ސެނަން ލީޑް ރޯލުން ފެނިގެންދާނެ ފިލްމެވެ. އަނެއް ފިލްމަކީ އަލޫކާކިކް ދެސާއީ ޑައިރެކްޓްކުރާ ފިލްމެކެވެ.

އަލޫކާކިކް ހަދާ މި ފިލްމުގެ ޓައިޓްލް އަކީ"ސީތާ" ކަމަށާއި ފިލްމުގެ ޓައިޓަލް ރޯލްތަކަށް ކަރީނާ ކަޕޫރު ޚާން އަދި އާލިއާ ބަޓް ހަމަޖައްސާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ފިލްމުގައި ރާވާނާ ގެ ރޯލުން ފެނިގެންދާނީ ރަންވީރު ސިންގެވެ.

ފިލްމު "ސީތާ" އަކީ ބޮޑު ފިލްމަކަށްވާނެކަމަށާއި މަޝްހޫރު ތަމަޅަ ފިލްމު "ބަހޫބާލީ" ކަހަލަ ފިލްމަކަށް ވެގެންދާނެކަމަށް ޚަބަރުތައް ބުނެއެވެ. ރަންވީރު އެ ރޯލު ކުޅެން އެއްބަސްވެއްޖެނަމަ މި ފިލްމު ވެގެންދާނީ ރަންވީރު އަދި ކަރީނާ އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ. މީގެ ކުރިން ދެ ތަރިން އެކުގައި "ރާމް ލީލާ" ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް އެ ފިލްމުން ކަރީނާގެ ބަދަލުގައި ފެނިގެންދިޔައީ ދިޕިކާއެވެ.

މި ފިލްމްގައި ކަރީނާއާއި ރަންވީރަށް ދީފައިވާ ރޯލަށް އެމީހުން ހިތްހަމަޖެހޭކަމަށްވެއެވެ. އަދި މި ދެތަރިންވެސް ތިބީ ފިލްމުގެ މަސައްކަތް ފަށާނެ އިރެއްގެ އިންތިޒާރުގައިކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

2010 ވަނަ އަހަރު ޔާޝް ރާޖް ފިލްމްސް ގެ ރޮމޭންޓިކް ފިލްމު "ބޭންޑް ބާޖާ ބާރާތް" އިން ފިލްމީ ކެރިއަރ ފެށި ރަންވީރު ވަނީ ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. 2019 ވަނަ އަހަރު ދެއްކި ފިލްމު "ގަލީ ބޯއީ" ، 2018 ވަނަ އަހަރު ދެއްކި "ސިމްބާ" ހަމަ އެ އަހަރު ދެއްކި "ޕަދްމާވަތް" 2015 ވަނަ އަހަރު ދެއްކި "ބަޖިރާއޯ މަސްތާނީ" އަދި 2013 ވަނަ އަހަރު ދެއްކި "ގޯލިޔޯންކީ ރާސް ލީލާ: ރާމް ލީލާ' އަކީ ރަންވީރުގެ ހިޓް ފިލްމުތަކެވެ.