ޚަބަރު

ހިޔާ ފްލެޓަށް ޑައުންޕޭމަންޓް ދައްކާކަށް ނުޖެހޭނެ - އެޗްޑީސީ


ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައި ނުވާކަމަށް ހައުސިން ޑިވޮލޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީން ) ހާމަކޮށްފިއެވެ. އެ ކޯޕަރޭޝަނުން ވަނީ ފްލެޓްތަކުގައި އަގު އަދާކުރަންޖެހޭ ގޮތުގެ ތަފްސީލުތައް އާއްމުކޮށްފައެވެ.

އެޗްޑިސީން ވިދާޅުވީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސްކުރަންޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހައިލައިގެންނެވެ. އިންސްޓޯލްމަންޓްގެ ގޮތުގައި ދައްކަންޖެހޭނީ މަހަކު 7،500 ރުފިޔާކަމަށާއި ފްލެޓްގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ. އެހެންނަމަވެސް ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ނިންމަވާފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީން ވިދާޅުވީ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެކަމަށެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކުން ޑައުން ޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ބޭނުންވާނަމަ އެ މީހަކަށް އެ އިންތިޒާމުތައް ހަމަޖައްސައިދޭނެކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ. އަދި، ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ ފައިސާ ފްލެޓުގެ ޖުމްލަ އަގުން އުނިކޮށް، މަހު ކުލި މިއަގާއި އެއްގޮތަށް ކުޑަކުރާނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ. އަދި ފުލެޓަށް ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ދިނުމަށް ނިންމާފައިވާކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ހިޔާ މަޝްރޫއުގެ މައުލޫމާތުތައް ވީހާވެސް ހަލުވިކަމާއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހިޔާ މަޝްރޫޢުއަށް ހާއްސަ ރަސްމީ 'ވައިބަރ ޗެނަލް އެއް ތަޢާރުފުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ. އަދި މި 'ވައިބަރ ޗެނަލުން އެޗްޑީސީގެ ވެބްސައިޓް އަދި މީސްމީޑިއާގައި ހިޔާ މަޝްރޫޢުއާ ގުޅޭގޮތުން ޝާއިޢުކުރެވޭ ހުރިހާ މަޢުލޫމާތެއް ލިބިގެންދާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

އެޗްޑީސީން ވިދާޅުވީ ޤައުމަށް މި ދިމާވެފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ރިޢާޔަތްކޮށް، ހިޔާ މަޝްރޫޢުގެ ފުލެޓުތަށް ވަކިވަކިން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ދެއްކުމަކީ މިވަގުތަށް ދަތިކަމެއް ކަމުގައިވުމުން، ފުލެޓުތަކުގެ ވީހާވެސް ތަފްޞީލީ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި މިޓަވަރުތަކުގައި ހިމެނޭ ހުރިހާ ޓައިޕެއްގެ ކުރެހުން (މިންތައް އިނގޭނެހެން) ވެބްސައިޓުގައި ޝާއިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް
ކުރަމުން އަންނަކަމަށެވެ.