މުނިފޫހިފިލުވުން

ކާތިކްގެ "ދަމާކާ" ސެޕްޓެމްބަރަށް


ބޮލީވުޑް ތަރި ކާތިކް އާރްޔަން މިދިޔަ އަހަރު އޭނާގެ އުފަންދުވަހު ކުޅޭނެކަމަށް އިޢުލާން ކުރި ފިލްމު "ދަމާކާ" އިޢުލާނު ކުރީއްސުރެ އޭނާ ދަނީ ފިލްމު ގެ އަޕްޑޭޓްތައް ޙިއްޞާކުރަމުންނެވެ. ކާތިކް ވަނީ ފިލްމުގެ ޝޫޓިން ފެށި ދުވަހާއި ލީޑް ކެރެކްޓަރ އަރުޖުން ޕަތަކްގެ ލުކް އަދި ފިލްމުގެ ޑަބިންގެ މަސައްކަތްވެސް ނިމުނު ވާހަކަ ޙިއްޞާކޮށްފައެވެ.

ފިލްމުގެ އެންމެ ފަހުގެ އަޕްޑޭޓަކަށް މީޑިއާތަކުގައި ފެތުރޭ ޚަބަރަކީ ކާތިކް އަދި ހިންދީ އަދި މަރާޓީ ފިލްމު ތަރި މުރުނާލް ޓާކޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމު އަންނަ ސެޕްޓެމްބަރުމަހު ނެޓްފްލިކްސްގައި ރިލީޒް ކުރާ ޚަބަރެވެ.

ޖޫން މަހު ރިލީޒްކުރުމަށް ތާވަލް ކޮށްފައިވާ ފިލްމު ސެޕްޓެމްބަރަށް ބަދަލުވީ ފިލްމަކީ ވަރަށް މުހިންމު ފިލްމަކަށްވާތީ ރިލީޒްކުރާން ރަގަޅު ވަގުތެއް ބަލާފައި ރިލީޒްކުރަންވެގެންކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ. އަދި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ހަލުއިކަމާއެކު ކުރަމުންދާކަމުގައިވެސް މީޑިއާތަކުން ބުނެއެވެ.

ރާމް މާދްވަނީ ޑައިރެކްޓް ކުރާ އެކްޝަން ތްރިލަރ ފިލްމަކީ ސައުތު ކޮރެއާގެ ފިލްމު :ދަ ޓެރަ ލައިވް" ގެ ރީމޭކެކެވެ. ފިލްމުގައި ކާތިކް ކުޅެނީ ނޫސްވެރިއެއްގެ ރޯލެވެ. ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް ލީޑުން ފެނިގެންދާ އާރްޔަން މުކަރްޖީގެ "ބްރަމަސްތުރާ" ވެސް ވަނީ އަންނަ އަހަރު ރިލީޒްކުރުމަށް ފަސްކޮށްފައެވެ.

"ދަމާކާ" އަށްފަހު ކާތިކް ދެން މަސައްކަތް ފަށާނީ "މުބާރަކާ" ގެ ޑައިރެކްޓަރ އަނީސް ބަޒްމީގެ "ބޫލް ބުލައްޔާ 2 " ގެ މަސައްކަތެވެ. ރޯހިތް ދަވަން ހަދާ ތެލުގޫ އެކްޝަން ޑްރާމާ ފިލްމު " އަލާ ވައިކުންތަޕޫރަމުލޫ" ގެ ރީމޭކުންވެސް ކާތިކް ފެންނާނެއެވެ. މި ފިލްމުގެ ޓްރެއިނިންތައްވެސް ކާތިކް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ސާޖިދު ނަދިއާދްވާލާ ގެ ލޯބީގެ ފިލްމަކުންވެސް ކާތިކް ފެނިގެންދާނެއެވެ.