ޚަބަރު

ފަލަސްޠީނަށް އިތުރު އެހީތަކެއް، ޤުދުސްގައި އެމެރިކާގެ ކޮންސުލޭޓެއް ޤާއިމުކުރަނީ


ފަލަސްޠީނަށް އެމެރިކާއިން ދެމުންދާ މާލީ އެހީތެރިކަން އިތުރުކުރަން ނިންމައިފިއެވެ. އެމެރިކާއިން އެގޮތަށް ނިންމާފައިވަނީ ފަލަސްޠީނަށް ދެމުންދިޔަ އެހީތެރިކަން އެ ޤައުމުގެ ކުރީގެ ސަރުކާރުން ވަރަށް ބޮޑަށް ކުޑަކޮށްފައިވަނިކޮށެވެ.

އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ރާމަﷲގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާ ބައްދަލުކުރެއްވުމަށްފަހު އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތް އިތުރުކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން އެމެރިކާއިން ފަލަސްޠީނަށް އެހީގެ ގޮތުގައި އިތުރު 75 މިލިޔަން އެމެރިކާ ޑޮލަރު ދޭން ނިންމާފައިވާކަން ބުލިންކަންވަނީ އިޢުލާނުކޮށްފައެވެ. އަދި މިހާރުން މިހާރަށް ޣައްޒާއަށް އެހީތެރިވުމަށް 5.5 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖެއްސުމަށާއި ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޤާއިމުކޮށްފައިވާ އދގެ އިދާރާއަށް 32 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އެމެރިކާއިން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތަށް އެއްވެސް ފައިދާއެއް ނުލިބޭނެ ގޮތަކަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ފަސޭހަކަމާއެކު ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޚާރިޖީ ގުޅުން ވަރުގަދަކުރުމަށް އިރުމަތީ ޤުދުސްގައި އެމެރިކާގެ ކޮންސުލޭޓެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށްވެސް ބުލިންކެން ވިދާޅުވިއެވެ. އެ ނިންމުމަކީ އެމެރިކާގެ ކުރީގެ ސަރުކާރުން ނިންމި ނިންމުމެކެވެ. ނަމަވެސް ބުލިންކެން ވިދާޅުވީ އެ ނިންމުން އަވަށް ތަންފީޒުކުރުމަށް އެމެރިކާގެ މިހާރުގެ ސަރުކާރުން ބޭނުންވާކަމަށެވެ.

ހުޅަނގުގެ ޤައުމުތަކުން ޤަބޫލުކުރާ ފަލަސްޠީނުގެ ރައީސް ޢައްބާސާ ބައްދަލުކުރެއްވުމުގެ ކުރިން ބުލިންކެންވަނީ ހުޅަނގު ޤުދުސްގައި އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައިފައެވެ. މެދުއިރުމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގައި އުރުދުންނާއި މިޞްރަށްވެސް ބުލިންކެން ވަޑައިގަންނަވާނެއެވެ.