މުނިފޫހިފިލުވުން

އެޕަލް ޓީވީން ދައްކާ ފުރަތަމަ ފިލްމަކަށް "ރާދޭ"


މިދިޔަ ފިތުރު އީދު ދުވަހު ޒީ5 އިން ޕްރިމިއަރ ކުރި ސުޕަރ ސްޓާރ ސަލްމާން ޚާންގެ "ރާދޭ" އަކީ އެޕަލް ޓީވީން ދައްކާ ފުރަތަމަ ހިންދީ ފިލްމެވެ. މޯރިޝަޝް، ސައުތު އެފްރިކާ، ސްރީލަންކާ، މެލޭޝިއާ، ފިޖީ، ކެނެޑާ، ޑެންމާކް އަދި ބެލްޖިއަމް ހިމެނޭގޮތަށް 65 ޤައުމެއްގައި މިހާރު މި ފިލްމު ބެލޭނެއެވެ. ޕްރޮޑިއުސަރުން ދަނީ 100 އަށްވުރެ ގިނަ ޤައުމަށް ފިލްމު ފެންނާނެ ގޮތް ރާވަމުންނެވެ.

ޕްރަބޫ ދޭވާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޒީޕްލެކްސްއިން ޕޭ ޕަރ ވިއު ފޯމެޓަށް ބެލޭނެގޮތް ހަދާފައިވާއިރު މިއީ އިންޓަރނެޓް މޫވީ ޑޭޓާބޭސް ގައި ސަލްމާނުގެ އެންމެ ދަށްކޮށް ރޭޓްކޮށްފައިވާ ފިލްމެވެ. ނަމަވެސް ޑިޖިޓަލްކޮށް ފިލްމު ބަލައި އެއްދުވަހާއި އެންމެ ގިނަ މީހުން ބެލި ފިލްމުގެ ރިކޯޑް ވަނީ މި ފިލްމަށް ލިބިފައެވެ.

"ރާދޭ" އެޅުވުމުގެ އެއްދުވަސް ކުރިން ސަލްމާން ވަނީ އޭނާގެ މީސް މީޑީޔާ އެކައުންޓުތައް މެދުވެރިކޮށް ފިލުމުގެ ޕައިރެސީ ހިފެހެއްޓުމަށް އެދި ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. ނަމަވެސް މި ފިލްމު ރިލީޒްކޮށް މާގިނައިރުތަކެއް ނުވަނީސް އިންޓަނެޓުގައި ފުލް އެޗްޑީކޮށް ފިލްމު ވަނީ ލީކް ވެފައެވެ.

"ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އަކީ ބޮޑެތި އުންމީދުތަކެއް ކުރެވުނު ފިލްމަކަށް ވީނަމަވެސް މި ފިލްމަކީ ކަމުނުދާ ފީކަޅާ ފިލްމެއްކަމަށް ކްރިޓިކްސް ލިޔާ މީހުންވަނީ ބުނެފައެވެ. މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ ފިލްމުގެ ޕްލޮޓްގައި އެއްވެސް އޮއްޓަރެއް ނެތެވެ. އަދި ފިލްމު ބަލަންޖެހޭވަރުގެ އެއްވެސް ޝައިގުވެރިކަމެއް ފިލްމުގައި ނެތެވެ. އެހެންނަމަވެސް ސަލްމާނުގެ ފޭނުންނަށް މި ފިލްމު ކަމު ގޮސްދާނެކަމަށް ތަރަން ވަނީ ބުނެފައެވެ.

ދެކުނު ކޮރެއާގެ ފިލްމު "ވެޓަރަން" ގެ ހިންދީ ރީމޭކެއް ކަމަށްވާ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ސަލްމާން ޚާން، ދިޝާ ޕަތްނީ، އަދި ރަންދީޕް ހޫޑާއެވެ. ފިލްމުގެ ޓައިޓްލް ލަވަ "ސީޓީ މާރް" އަކީ މިދިޔަ އަހަރު މަރުވި މިއުޒިކް ޑައިރެކްޓަރު ވާޖިދު ޚާން ކޮމްޕޯޒްކުރުމުގައި ހިއްސާވި ފަހު ލަވައެވެ.