ސަރުކާރުގެ އިންޓަނެޓުގެ ޚިދުމަތާ ގުޅޭ އައު ސިޔާސަތު ބުރާސްފަތި ދުވަހު ޢިއުލާންކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ އިންޓަނެޓްގެ ޚިދުމަތާ ގުޅޭ އައު ސިޔާސަތު ބުރާސްފަތި ދުވަހުގެ 10 ޖަހާއިރު އިއުލާންކުރައްވަން މިހާރު ހަމަޖެހިފައިވާކަމަށެވެ. ރާއްޖޭގެ އެކަށީގެންވާ ހެޔޮ އަގެއްގައި އިންޓަނެޓުގެ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.
ސަރުކާރުން މަސައްކަތްކުރައްވަނީ ވީހާވެސް ކުޑަ އަގެއްގައި ރައްޔިތުންނަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ މީގެކުރިން ވިދާޅުވެފައެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކާއެކު ސަރުކާރުންވަނީ މީގެކުރިން މަޝްވަރާކުރައްވާފައެވެ. އަދި އިތުރު ކުންފުނިތަކަށް ފުރުޞަތުދީގެންވެސް އިންޓަނެޓްގެ އަގުހެޔޮކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށްކަމަށް ސަރުކާރުންވަނީ މީގެކުރިން ހާމަކުރައްވާފައެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ގިނަބަޔަކު އިންޓަނެޓް ބޭނުންކުރާ ޤައޔުމެކެވެ. އަދި ޒަރޫރީ އެތައްކަމެއްގައި ދިވެހިން އިނޓަނެޓަށް ބަރޯސާވާ މިންވަރުވެސް ވަރަށްބޮޑެވެ. ރާއްޖޭގެ އާބާދީގައި އިންޓަނެޓުގެ ޚިދުމަތް ނުލިބެނީ %7 އިންސައްތަ ގޭބިސީއަށްކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެންބީއެސްގެ ދާދިފަހުންކުރި ދިރާސާއަކުން ދައްކައެވެ. އިންޓަނެޓްގެ ޚިދުމަތަށް ބަލާއިރު ރާއްޖޭގެ %72 ގޭބިސީން ޑޭޓާ އިންޓަނެޓު ބޭނުން ކުރެއެވެ. އަދި %47 ގޭބިސީން ފައިބަރ އޮޕްޓިކް ކޭބަލް ކަނެކްޝަން މެދުވެރިކޮށް އިންޓަރނެޓްގެ ހިދުމަތް ހޯދައެވެ. ދިރާސާއިން ދައްކާގޮތުން މާލޭގެ ގޭބިސީތަކުގެ ތެރެއިން އިންޓަނެޓްގެ ހިދުމަތް ނުލިބެނީ އެންމެ %2 ގޭބީސީއަށެވެ. އަދި އަތޮޅުތަކުގެ ގޭބީސީތަކުގެ ތެރެއިން އިންޓަރނެޓްގެ ހިދުމަތް ނުލިބެނީ އެންމެ %13 ގޭބިސީއަށެވެ.