ޚަބަރު

މެޖިސްޓްރޭޓް ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި


ދެ ރަށެއްގެ ކޯޓުގެ މެޖިސްޓްރޭޓުން އައްޔަންކޮށް، މަޤާމުގެ ހުވާކުރައްވައިފިއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން ކުރި އިޢުލާނުތަކުގެ ދަށުން އެމަޤާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން މިއަދު މަޤާމާއި ހަވާލުވެ ހުވާ ކުރެއްވީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ސ.ހިތަދޫ ސެވެންސްޓަރ، އަލްއުސްތާޛާ ޒިޔާދާ ތާހިރު އާއި، ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ލ.ކުނަހަންދޫ ލިލަކު، އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ އެވެ.

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަން ކުރެއްވި އަލްއުސްތާޛާ ޒިޔާދާ ޠާހިރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަން އިން ބެޗްލަރސް އޮފް ލޯ ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛާ ޒިޔާދާ ޠާހިރު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޕްރޮސެކިއުޓަރެއްގެ މަޤާމު 8 އަހަރު އަދާކުރައްވާފައެވެ. އަދި 01 އޭޕްރީލް 2019 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރގެ މަގާމުގައެވެ.

ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ހަމަޖެއްސެވި އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ ވަނީ 2018ވަނަ އަހަރުން ފެށިގެން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރެއްވުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ލީގަލް އޮފިސަރގެ މަޤާމު 1 އަހަރާއި 10 މަސް ދުވަސްވަންދެން އަދާކުރައްވާފައެވެ.