ޚަބަރު

މެލޭޝިޔާގައި 2 ރޭލު ޖެހި 200އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެ


މެލޭޝިޔާގައި 2 ރޭލު ޖެހިގެން ހިނގި ނުރައްކާތެރި ޙާދިޘާއެއްގައި 200އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެއެވެ.

މެއި މަހުގެ 24ވަނަ ދުވަހުގެ ރޭ ހިނގި ހާދިޘާގައި ހިމެނޭ އެއް ރޭލަކީ މަރާމާތަށްފަހު ދުއްވަމުންދިޔަ ރޭލެކެވެ. އޭގައި އެއްވެސް މީހެއް ދަތުރެއް ނުކުރެއެވެ. ދެވަނަ ރޭލުގައި 213 ފަސިންޖަރުން ދަތުރުކުރިއެވެ. ޒަޚަމުވި މީހުންގެ ތެރެއިން 47 މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ.

މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަންޕޫރުގެ ޕެޓުރޮނަސް ޓުވިން ޓަވަރު ކައިރީގައި ނުރައްކާތެރި ހާދިޘާއެއް ހިނގާފައިވަނީ އެއް މަގެއްގައި ދެކޮޅަށް ދުއްވި 2 ރޭލު ޖެހުމުންނެވެ. ދެކޮޅަށް ދަތުރުކުރި 2 ރޭލު އެއް މަގެއްގައި ދުއްވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ރޭލުތަކަކީ ކޮންޕިއުޓަރުގެ އެހީތެރިކަމުގައި ދުއްވައި ރޭލުތަކެކެވެ. އެ ރޭލުތަކުގައި ދުއްވާ މީހުންނެއް ނުތިބެއެވެ. ނަމަވެސް މަރާމާތަށްފަހު ދުއްވި ރޭލު އެރޭ ދުއްވާފައިވަނީ ކޮންޕިއުޓަރުގެ އެހީތެރިކަމާ ނުލައެވެ. އޭގެ ތެރެއިން އެއް ރޭލު ދަތުރުކޮށްފައިވަނީ ގަޑިއަކު 40 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަދި އަނެއް ރޭލު ދަތުރުކޮށްފައިވަނީ ގަޑިއަކު 60 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އެ ހާދިޘާ ހިނގުމުގެ އިރުކޮޅެއްކުރިން ފަސިންޖަރުން ތިބި ރޭލުވަނީ 15 މިނެޓަށް ހުއްޓިފައެވެ. އެ ޙާދިޘާ ހިނގާފައިވަނީ ހުއްޓުނު ރޭލު އަލުން ދަތުރުކުރަން ފެށިތާ 10 ވަރަކަށް ސިކުންތުފަހުންނެވެ. އެ ހާދިޘާ މެދުވެރިވީ ރޭލު ދުއްވާ މަރުކަޒުން ކުރި މުޢާމަލާތުގައި އޮޅުންތަކެއް އަރައިގެންކަމަށް ބެލެވެއެވެ.

މިއީ މީގެ 23 އަހަރު ކުރިން މެލޭޝިޔާއަށް މެޓުރޯ ނިޒާމު ތަޢާރަފުކުރިފަހުން ހިނގި ފުރަތަމަ ނުރައްކާތެރި ހާދިޘާއެވެ. މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންވަނީ ހާދިޘާ މެދުވެރިވި ސަބަބު ފުރިހަމައަށް ތަހުޤީޤުކުރުމަށް އެ ޤައުމުގެ ދަތުރުފަތުރާބެހޭ ވުޒާރާއަށް އަންގަވައިފައެވެ.