ކުޅިވަރު

ވައިނަލްޑަމް ހޯދުމުގެ ރޭހުގެ ކުރީގެ ބާސާ އާއި ބަޔާން


ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ހޯދަން ބާސެލޯނާއި ބަޔާން މިއުނިކުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަންނަ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ވައިނަލްޑަމަށް ކުލަބު ބަދަލުކުރެވޭއިރު، މީގެ ކުރިންވެސް އޭނާ ހޯދަން ބާސާއިން ވަނީ މަސައްކަތް ކޮށްފައެވެ. ވައިނަލްޑަމަކީ ބާސާގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދުދީފައިވާ ކުޅުންތެރިއެކެވެ. އެހެންކަމުން ކޫމަނާއެކު އަލުން މަސައްކަތްކުރަން ވައިނަލްޑަމް ބޭނުންވާ ކަމަށާއި، ބާސާއާއެކު ވައިނަލްޑަމް އެއްބަސްވުމަކާ ހަމައަށް ގޮސްފައިވާ ކަމަށް މީގެ ކުރިން އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ވައިނަލްޑަމް ވަނީ މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އަތުން 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗަށް ފަހު ވައިނަލްޑަމް ވަނީ ލިވަޕޫލުގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ވައިނަލްޑަމް ހޯދުމުގެ ރޭހުގައި ބަޔާނުން މިހާރު ވަނީ ބައިވެރިވެފައެވެ. އަދި ވަރަށް އަވަހަށް ބަޔާނުން ވައިނަލްޑަމަށް އެއްބަސްވުން ހުށަހަޅާނެ ކަމަށާއި، އޭނާ ބަދަލުވުން އެންމެ ގާތީ ބަޔާނަށް ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑަށްވެސް ކުޅުނު ވައިނަލްޑަމް ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރެވެ.