އަންނަ ޖުލައިމަހު ޖަފާނުގައި އޮންނަ އޮލިމްޕިކްސްގައި ވާދަކުރާ ދުވުންތެރިންގެ ޓައިމް ޓްރަޔަލް ޖޫން މަހުގެ 18ވަނަ ދުވަހު ކުރިއަށްގެންދާގޮތަށް ނިންމައިފިއެވެ.
ކުރިން އޮލިމްޕިކްސްގައި ރާއްޖެއިން ދެ ދުވުންތެރިން ބައިވެރިވިނަމަވެސް މިއަހަރުގެ އޮލިމްޕިކްސްގައި ފުރުސަތު ލިބިފައިވަނީ އެންމެ ދުވުންތެރިއަކަށެވެ. އޮލިމްޕިކްސްއަށް ކޮލިފައި ނުވާ ގައުމުތަކަށް ފުރުސަތު ދެނީ އޮލިމްޕިކްސްއިން ކަނޑައަޅާ ކުޅިވަރުތަކުގެ އިތުރުން އެފަރާތުން ކަނޑައަޅާ އަދަދަކަށެވެ. ވައިލްޑް ކާޑްގެ ދަށުން މިއަހަރު އޮލިމްޕިކްސްއިން ރާއްޖެއަށް ފުރުސަތު ދީފައި ވަނީ އެތުލެޓިކްސް އާއި ސްވިމިންއިންނެވެ. މިފަހަރު އޮލިމްޕިކްސްއަށް އެތެލީޓުން ހޮވުމަށް ހަ އެތުލީޓެއް ވަނީ ޝޯޓްލިސްޓް ކޮށްފައެވެ. އެއީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި އިބާދުﷲ އާދަމާއި އަހްމަދު ނަޒްދާން އަބްދުﷲ އާއި އައިޝަތު ޝާބާ ސަލީމާއި، އައިޝަތު ހިމްނާ ހަސަން އާއި މަރްޔަމް ރޫޔާ އަލީއެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް ވިދާޅުވީ އޮލިމްޕިކްސްއަށް ފޮނުވާނެ އެތްލީޓެއް ފައިނަލް ކުރާނީ ޓައިމް ޓްރަޔަލް ޖެހުމަށްފަހު، ޓްރަޔަލްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާ އެތުލީޓެވެ. މިއަންނަ މަހުގެ 18ވަނަ ދުވަހު ޖެހުމަށް ހަމަޖެހިފައިވާ ޓައިމް ޓްރަޔަލްގައި ހަސަން ސާއިދު އާއި އިބާދުﷲ އާދަމް އާއި އަހްމަދު ނަޒްދާން ޢަބްދުﷲ ދުވުމަށް ހަމަޖެހިފައިވަނީ 100 މީޓަރެވެ. އަދި ޢާއިޝަތު ޝާބާ ސަލީމް އާއި މަރްޔަމް ރޫޔާ އަލީވެސް ދުވުމަށް ހަމަޖެހިފައިވަނީ 100 މީޓަރެވެ. އަދި އައިޝަތު ހިމްނާ ހަސަން ދުވުމަށް ހަމަޖެހިފައިވަނީ 200 މީޓަރެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް ވިދާޅުވީ ޓައިމް ޓްރަޔަލްގައި ކޮންމެ އެޓްލީޓަކަށްވެސް އެއް ފަހަރު ދުވުމުގެ ފުރުސަތު ލިބޭނެކަމަށާއި ޓައިމް ޓްރަޔަލްގައި ސްކޯރިން ބަލާނީ އިންޓަރނޭޝަނަލް ސްކޯރިންގެ މިންގަނޑުތަކަށެވެ. އަދި އެއަށް ބެލުމަށްފަހުގައި މިއަހަރުގެ އޮލިމްޕިކްސްއަށް ދާ އެތްލީޓް ފައިނަލް ކުރެވޭނެކަމަށެވެ.
ޓައިމް ޓްރަޔަލް މިއަންނަ މަހުގެ 18ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލެ ސަރައްހަދުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު މިހާރު ޓްރެކްތައް ބަންދުކޮށްފައިވާއިރު، ޓައިމް ޓްރަޔަލްގެ ކުރިން މި 6 އެތްލީޓުންނަށް ޓްރަޔަލްގެ ކުރިން ފަރިތަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ޔޫތް މިނިސްޓްރީއާއެކު މަޝްވަރާ ކުރާނެކަމަށްވެސް މުންތަގިމް ވިދާޅުވިއެވެ.
އޮލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންގެ ނަން މިއަންނަ މަހުގެ 21ވަނަ ދުވަހުގެ ކުރިން ފައިނަލް ކުރުމަށްފަހު އެތްލެޓިކްސްގެ މައިއިދާރާއަށް ފޮނުވަންޖެހެއެވެ.