ކުޅިވަރު

އެޓަލާންޓާ ބަލިކޮށް ޗެމްޕިއަންސް ލީގުން މިލާން ޖާގަހޯދައިފި


އިޓާލިއަން ސެރީއާގައި އޭސީ މިލާނާއި އެޓަލާންޓާ ބައްދަލުކުރިމެޗް މިލާން ކާމިޔާބުކޮށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ހޯދައިފިއެވެ. އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗް މިލާން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެޓަލާންޓާއިންނެވެ. ނަމަވެސް މިލާނުން މިމެޗްގައިވަނީ ރަނގަޅަށް ޑިފެންޑް ކޮށް ލިބޭ ފުރުސަތުތަކުގައި އެޓަލާންޓާގެ ގޯލަށް ނުރައްކާކޮށްފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ކާމިޔާބު ވާގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މިލާންގެ ފްރޭންކް ކެސީއެވެ. މިމެޗްގެ ދެވަނަ ހާފްގައި އެޓަލާންޓާއިންވަނީ އެޓީމްގެ ކުޅުން އިތުރަށް ވަރުގަދަކޮށް ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މިލާނުންވަނީ އެހާމެ ރަނގަޅަށް ޑިފެންޑް ކޮށް އެހަމަލާތަށް ނާކާމިޔާބުކޮށްލާފައެވެ. މިމެޗްގައި މިލާންގެ ދެވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ކެސީއެވެ. މިއީ މިސީޒަންގައި މިލާނަށް ލިބިގެންދިޔަ 20 ވަނަ ޕެނަލްޓީއެވެ.

މިކާމިޔާބީއާއެކު މިލާން ވަނީ ކުޅުނު 38 މެޗުން 79 ޕޮއިންޓް ހޯދާ ތާވަލްގެ ދެވަނަ މަގާމަށް ކުރިއަށް ޖެހިލާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ގިނަ އަހަރު ތަކަކަށްފަހު ހޯދާފައެވެ. މިއަންނަ ސީޒަން ވެގެންދާނީ 2013-2014 ވަނަ އަހަރުގެ ސީޒަނަށްފަހު އެޓީމް ޗެމްޕިއަންސް ލިގުގައި ވާދަކުރާ ފުރަތަމަ ފަހަރަށެވެ. އެހެން ކަމުން މިއަންނަ ސީޒަންގައި މިލާން އިއައްވުރެ ވަރުގަދަކޮށް ފެނުމަކީ ވަރަށް ގާތްކަމެކެވެ. މިމެޗުން ބަލިވި ނަމަވެސް އެޓަލާންޓާވެސްވަނީ މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލިގުން ޖާގަހޯދާފައެވެ. އަދި ލީގު ނިންމާލާފައިވަނީ މިލާންގެ ފަހަތުން ތާވަލްގެ ތިންވަނައިގައެވެ.