ކޯވިޑް-19ގައި އިތުރު މީހަކު މަރުވެ މިއަދު މަރުވި މީހުންގެ އަދަދު 6އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު މެންދުރު 2:25 ހާއިރު ނިޔާވެފައިވަނީ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ. މިއާއެކު މިއަދު ހުޅުމާލެ މެޑިކަލް ފެސިލިޓީން 5 މީހުންވަނީ ނިޔާވެފައެވެ. އަދި ކޯވިޑް ބަލީގައި މިއާއެކު މިމަހުގެ މިހާތަނަށް 62 މީހުންވަނީ ނިޔާވެފައެވެ.
ކޯވިޑް ބަލީގައި މިއަދު ނިޔާވެފައިވާ އިތުރު މަރުތަކަށް ބަލާއިރު މިއަދު 7:44 ގައި އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނަކުވަނީ ނިޔާވެފައެވެ. ފަތިހު 6:55 ހާއިރު އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެއް، ރޭ ފަތިހު 3:18 ހާއިރު އުމުރުން 77 އަހަރު ދިވެހި ފިރިހެނަކު އަދި ރޭ ފަތިހު 4:25 ހާއިރު އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކުވަނީ ނިޔާވެފައެވެ.
މިއަދުގެ ފުރަތަމަ މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 2:02ހާއިރުއެވެ. އުމުރުން 81 އަހަރު މިމީހާއަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ ދިވެހި ފިރިހެނެކެވެ.
ކޯވިޑް ބަލީގައި އިއްޔެވެސް 6 މީހަކުވަނީ ނިޔާވެފައެވެ. މިއެންމެންނަކީވެސް ދިވެހިންނެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް ބަލީގައި 135 މީހުންވަނީ ދުނިޔެ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 120 ދިވެހިންނާއި 15 ބިދޭސީންނެވެ.
ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ ރާއްޖެއިން މިހާތަނަށް 55،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ މީގެ ތެރެއިން 32،000އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި 23،000އަށްވުރެ ގިނަ މީހުން ތިބި ކަމަށް އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތަކުންވަނީ ދައްކާފައެވެ.