ޚަބަރު

އިމާރާތުގެ މަތިން ޒުވާނާ ވެއްޓުމުގައި އިތުރު މީހެއްގެ ދައުރެއް ނެތް


މިިދޔަ ބުރާސްފަތިދުވަގުރޭ ހުޅުމާލޭގައި އިމާރާތެއްގެ 6 ވަނަ ބުރިން ވެއްޓުނު މީހާ ވެއްޓުމުގައި އިތުރު މީހެއްގެ ދައުރެއް އޮތްކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ނިރޮޅުމަގުގައި ހުރި އިމާރާތެއްގެ މަތިން ވެއްޓިފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. އޭނާ އަށް އަޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ހޭ ނެތްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެނގިފައިވާ ގޮތުގައި މި ޒުވާނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ.

މި މައްސަލަގައިގެ ތަހުޤީގާއި ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މީނާ ވެއްޓުމުގައި އެހެން މީހެއްގެ ދައުރެއް އޮތްކަން ފާހަގަކުރެވިފައިނުވާކަމަށެވެ. މިގޮތުން މި ހާދިސާ ހިނގުމުގެ 10 މިނެޓެއްހާއިރު ކުރިން މި މީހާ އެކަނި ގޮސް އެ އިމާރާތައް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ހުރިކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެނާ ވެއްޓިފައިވަނީ 6 ބުރީގެ އިމާރާތުގެ މަތިން ޖެހިގެން ހުރި 3 ބުރީގެ އިމަރާތުގެ މައްޗަށްކަމަށާއި މަގުމައްޗަށް ވެއްޓިފައިވަނީ އެ އިމާރާތުގެ މަތިންކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މިހާ ވެއްޓުނު 6 ބުރީގެ އިމާރާތައް ވަނުމުގެ ކުރިން ހުޅުމާލޭގެ މަގުތަކުގައި މިމީހާ އެކަނި އަޑުގަދަކޮށް ހަޅޭލަވަމުން ކޮޅުކޮޅަށް ދުވެފައި އުޅޭ މަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖްތައް ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މީމީހާގެ މި ވާހަކަތައް މަންޒަރު ދުށް ބައެއް މީހުން ކިޔާދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.