ޚަބަރު

އޮލިމްޕިކްސްގައި ރާއްޖެއިން ފަތާނީ އައިޝަތު ޝައުސަނާއި އަލީ އިމްއާން


އަންނަ ޖުލައިމަހު ޖަފާނުގައި އޮންނަ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާ ފެތުންތެރިންނަށް އައިޝަތު ޝައުސަން އާއި އަލީ އިމްއާން ހޮވިއްޖެއެވެ. މި ފެތުުންތެރިން މުބާރާތަށް ހޮވިފައިވަނީ ބޭއްވި ހާއްސަ ޓްރަޔަލަކަށް ފަހުއެވެ.

އޮލިމްޕިކްސްގައި ވާދަކުރާ ފެތުންތެރިންގެ ނަންތައް މުބާރާތައް ފޮނުވާނީ ދުނިޔޭގެ ސްވިމިން މައި އިދާރާ ފީނާއިންނެވެ. ފީނާއިން ފެތުންތެރިން ހޮވަނީ އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ މުބާރާތްތަކުގައި ވާދަކޮށް އެންމެ ރަނގަޅަށް ޕޮއިންޓް ހޯދާ އަންހެން އަދި ފިރިހެން ފެތުންތެރިޔާއެވެ.

އެހެންނަމަވެސް މިދިޔަ އަހަރު ކޯވިޑްގެ ބަލި މަޑުކަމާއި ގުޅިގެން ބައިނަލް އަޤްވާމީ މުބާރާތެއް ކުރިޔަށް ގެންދެވިފައި ނުވާތީ މިފަހަރު ފެތުންތެރިން ހޮވި ގޮތަށް ބައެއް ބަދަލުތައް މިވަނީ ގެނެސްފައެވެ. އެގޮތުން ގެނެސްފައިވާ ބަދަލާއެކު ފިނާ ގަބޫލް ކުރާ އިންޓަރނޭޝަނަލް މުބާރާތެއްގައި ވާދަކޮށް އެންމެ ރަނގަޅު ޕޮއިންޓް ހޯދި 4 ފެތުންތެރިއެއްގެ ނަން ޝޯޓް ލިސްޓްކުރިއެވެ. އަދި އެނަންތައް ފޮނުވާ ފެތުންތެރިން ކަނޑައެޅުމުގެ ފުރުސަތު ސްވިމިން އެސޯސިއޭޝަނަށް ދިނެވެ.

ދިވެހި އަންހެން ފެތުންތެރިންގެ ތެރެއިން ފީނާއިން ޝޯޓް ލިސްޓްކޮށް އެސޯސިއޭޝަނަށް ފޮނުވާފައިވަނީ އައިޝަތު ސައުޝަން އާއި އައިޝަތު ސާޖިނާގެ ނަމެވެ. ފިރިހެން ފެތުންތެރިންގެ ތެރެއިން ޝޯޓް ލިސްޓްކޮށްފައިވަނީ އަލީ އިމްއާން އާއި މުބާލް އައްޒާމްގެ ނަމެވެ.

މޯލްޑިވްސް ސްވިމިންގެ އެސޯސިއޭޝަންގެ ނައިބް ރައީސް އިސްމާޢީލް އަލީ ވިދާޅުވީ ކޯވިޑްގެ ހާއްސަ ހާލަތާއި ގުޅިގެން ސްވިމިންގެ އެސޯސިއޭޝަންގެ އެކްސްކޯއިން ނިންމީ ފިނާއިން ފޮނުވި 4 ކުދިންގެ މެދުގައި ޓްރައިލްއެއް ޖެހުމަށްފަހު އެންމެ ރަގަނޅު ނަތީޖާ ހޯދާ ދެ ކުއްޖަކަށް ފުރުސަތު ދިނުމަށްކަމަށެވެ. އަދި ޓެރެއިލަށް ފަހު މުބާރާތުން ޖާގަ ލިބުނީ އައިޝަތު ޝައުސަން އާއި އަލީ އިމްއާން އަށެވެ.

ފީނާއިން ފޮނުވި ފެތުންތެރިންގެ މެދުގައި ޓްރައިލްތައް ބާއްވާފައިވަނީ މިދިޔަމަހުގެ 20 އިން މިމަހުގެ 5 ގެ ނިޔަލަށެވެ. އިސްމާއީލް ވިދާޅުވީ ކޮންމެ ފެތުންތެރިއަކަށްވެސް 3 ފުރުސަތުދިންކަމަށެވެ. ޓްރެޔަލްގައި 50 މީޓަރު ފްރީ ސްޓައިލް ޖެހުމަކީ މަޖްބޫރުކަމެކެވެ.
މީގެއިތުރުން 100 މީޓަރުގެ ބްރެސްޓް ސްޓްރޯކް، ބެކްސް ސްޓްރޯކް އަދި ފްލައި ޖެހުން ފެތުންތެރިންނަށް ވަނީ ދޫކޮށްލާފައެވެ.

ޓްރައިލްތަކުގެ ޕޮއިންޓް ދީފައިވަނީ 50 މީޓަރު ފްރީ ސްޓައިލުން ހޯދާ ޕޮއިންޓާއި ސްޓްރޯކްތަކުގެ ތެރެއިން އެންމެ ރަގަނޅު ނަތީޖާ ހޯދާފައިވާ ސްޓްރޯކްގެ ޕޮއިންޓަށް ބަލާ އެވެރެޖްކޮށް އެންމެ ރަގަނޅު ނަތީޖާ ހޯދާ ދެ ފެތުންތެރިން ނަގާ ގޮތަށެވެ.

ރާއްޖެއިން ބޭރުގައި ތަމްރީން ހަމަދުންދިޔަ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމަށް ފުރުސަތު ގެއްލުނީ ރާއްޖެއިން ބޭރުގައި ތަމްރީންތައް ހެދިނަމަވެސް ކޯވިޑްގެ ސަބަބުން ދޭތެރެ ދޭތެރެއިން ތަމްރީންތައް ހުއްޓާލަން ޖެހުމުން، އެންމެ އެކަށީގެންވާ ގޮތުގައި ޕާފޯމް ނުކުރެވިގެންކަމަށް ގަބޫލް ކުރައްވާކަމަށް ނައިބް ރައީސް އިސްމާޢީލް ވިދާޅުވިއެވެ.

އޮލިމްޕިކްސްގެ ސްކޮލާޝިޕްއެއްގެ ދަށުން ސާޖިނާ ތަމްރީނު ހަދަމުންދަނީ މެލޭޝިޔާގައެވެ. މުބާލް ތަމްރީން ފުރިހަމަ ކުރަމުން ދިޔައީ އޮސްޓްރޭލިއާގައެވެ. އަދި ފީނާގެ ސްކޮލަޝިޕްއެއްގެ ދަށުން އިމްއާން މިހާރު ތަމްރީނުތައް ފުރިހަމަ ކުރަމުން ދަނީ ރަޝިޔާގައެވެ. އޮލިމްޕިކްސްއަށް ހޮވުމުގެ ކުރިން އޭނާ ތަމްރީން ފުރިހަމަކުރަމުން އައީ ރާއްޖޭގައެވެ. ކޯވިޑްގެ ސަބަބުން މާލޭ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމުން މާލޭގައި ތަމްރީން ހަދަމުންދިޔަ ޝައުޝަންގެ ފަރިތަކުރުންތަކަށްވެސް ވަނީ ބުރުއަރާފައެވެ.

ކޯވިޑްގެ ސަބަބުން މިދިޔަ އަހަރު ބާއްވަން މަސައްކަތް ކުރި އޮލިމްޕިކްސް އަންނަ ޖުލައިމަހު ބާއްވަން ތައްޔާރުވަމުން އައިނަމަވެސް މުބާރާތް ބޭއްވިދާނެކަމާއި މެދުވަނީ ސުވާލު އުފެދިފައެވެ. މުބާރާތް މިހާރު ބާއްވަން ތާވަލުކޮށްފައިވަނީ ޖުލައި މަހުގެ 23 އިން އޯގަސްޓް މަހުގެ 8 އަށް ޖަޕާނުގައެވެ. އެހެންނަމަވެސް ކޯވިޑްގެ މިހާލަތުގައި މުބާރާތް ބާއްވަން ނިންމާފައިވާތީ ޖަޕާންގެ ޑޮކްޓަރުންނާއި ނަރުހުން އަންނަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޮލިމްޕިކްސްގައި މިހާތަނަށް ރާއްޖެއިން އެންމެ ރަގަނޅު ކާމިޔާބީއެއް ހޯދާފައިވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. 2016ވަނަ އަހަރު ބްރެޒިލްގެ ރިއޯޑީ ޖެނީރިއޯގައި ކުރިއަށްދިޔަ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުން ސާއިދުވަނީ އެއްވަނަ ހޯދާ، ފުރަތަމަ ބުރަށް ކޮލިފައިވެފައެވެ.